ރައްޔިތުންގެ މަޖިލިސް

ސިޔާސީ މަގާމުގައި ތިބި ކުރީގެ ފުލުހުންނާއި ސިފައިންގެ އިނާޔަތް ކެނޑޭ ދެ ބިލު ފާހެއްނުވި

ރިޓަޔާ ކުރާ ފުލުހުންނާއި ސިފައިން، ސިޔާސީ މަގާމަކަށް އިންތިހާބު ވެއްޖެ ނަމަ ދައުލަތުން ދޭ އިނާޔަތްތައް ކެނޑޭ ދެ ބިލުވެސް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.

ސަރުކާރު ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅި މި ދެ ބިލުގެ ތެރެއިން ސިފައިންގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ފާސްވުމަށް 28 މެންބަރުންގެ ވޯޓު ބޭނުންވާ އިރު އެބިލަށް ތާއީދު ކުރީ 11 މެންބަރެކެވެ. އަދި ބިލު ފާސްކުރަން ނުފެންނަ ކަމަށް 43 މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ފަސް މެންބަރުން ތިއްބެވެ.

ދެން ހުށަހެޅި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރަން ފެންނަ ކަމަށް 19 މެންބަރުން ވޯޓުދެއްވި އިރު 36 މެންބަރުން ވޯޓުދެއްވީ ބިލު ބޭރުކޮށްލުމަށެވެ. އަދި މި ބިލަށް ވެސް ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ފަސް މެންބަރަކު އިންނެވި އެވެ.

އެހެންކަމުން ސިޔާސީ މަގާމުގައި ތިބި ކުރީގެ ފުލުހުންނާއި ސިފައިންގެ އިނާޔަތް ކެނޑޭ ދެ ބިލު ކޮމިޓީ އިން ދިރާސާ ކުރެއްވި ގޮތަށް ފާސް ނުވުމުން ބިލު ބާތިލު ވެއްޖެ ކަމަށް މަޖިލީހުގެ ރައީސް ނިންމެވި އެވެ.

ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުގައި ޝަރަފުވެރިކަމާއި އެކު ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ މީހުންނަށް ދެވޭ ހާއްސަ އިނާޔަތްތައް އެހެން ކޮންމެ މަގާމެއް އަދާ ކުރިޔަސް ލިބޭނެ އެވެ. ނަމަވެސް އެ އިސްލާހުގައި ބުނާގޮތުން ރިޓަޔާވާ ސިފައިން ނޫނީ ފުލުހުން، ރައްޔިތުން އިންތިހާބު ކުރާ ސިޔާސީ މަގާމެއް އަދާ ކުރާ ނަމަ ދައުލަތުން ދޭ އިނާޔަތްތައް ގެއްލޭނެ އެވެ.

"ޝަރަފުވެރިކަމާއި އެކު ސިފައިންގެއިން ވަކިވުމަށް ފަހު ލިބޭ ހާއްސަ އިނާޔަތްތަކުގެ ބަދަލުގައި ރައްޔިތުން އިންތިހާބުކުރާ ސިޔާސީ މަގާމެއް އަދާ ކުރަން ފެށުމުން އެމަގާމް އިނާޔަތްތަކާއި ވެސް އެބަ ލިބޭ. އެހެންވެ އޭނައަށް ދައުލަތުގެ ބަޖެޓުން ލިބެމުން މިދަނީ ޑަބަލްކޮށް އިނާޔަތްތައް. އެހެންވެ ސިޔާސީ މަގާމެއް އަދާ ކުރާ މުއްދަތުގައި ޝަރަފްވެރިކަމާއި އެކު ސިފައިނގެއިން ވަކިވީމީހާ އަށް ލިބޭ ހާއްސަ އިނާޔަތް ނުލިބޭ ގޮތައް މި ބިލް ފާސް ވުން ރަނގަޅު" އަބްދުލް ލަތީފް ވިދާޅުވި އެވެ.

މި މައްސަލާގައި ބަހުސް ކުރައްވަމުން އެމްޑީޕީ ގިނަ މެންބަރުން ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށް އިނާޔަތާއި ރައްކާތެރިކަން ގާނޫނުގެ ތެރެއިން ކަނޑާލުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެގޮތުން މި ބިލު އަމާޒު ވަނީ ކާނަލް ނާޒިއާއި، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް، އަދި ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީއަށް ކަމަށެވެ.