ހައުސިން ޔުނިޓް

ޔޫތު ސިޓީގައި 15000 ހައުސިން ޔުނިޓު އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ޔޫތު ސިޓީގައި އަޅާ 15000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ބޭރުގެ ބޮޑެތި ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޔޫތު ސިޓީގައި 15000 ހައުސިން ޔުނިޓު އިމާރަތް ކުރުމަށް ހަވާލުކޮށްފައިވަނީ ބޭރުގެ ފަސް ކުންފުންޏަކާ އެވެ. އެގޮތުން ކޮރެއާއާއި ޗައިނާ އަދި ތުރުކީގެ އިތުރުން ލަންކާގެ ބޮޑެތި ކުންފުނިތަކަށް ހިމެނެ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް މައުމޫން ސަރުކާރުން 1990 ވަނަ އަހަރުގައި ފުރަތަމަ ފްލެޓު އެޅި ފަހުން މިއަދާއި ހަމަޔަށް 9000 އަކަށް ހައުސިން ޔުނިޓު އެޅިފައިވާ ކަމަށާއި ނަމަވެސް ރައީސް ޔާމިން އެއްފަހަަރަކާއި އަޅުއްވަނީ 15000 ހައުސިން ޔުނިޓު ކަމަށެވެ.

"މިއަދާއި ހަމަޔަށް ރާއްޖޭގެ ތާރީހުގައި އެކި ސަރުކާރުތަކުން ހިނގާފައި ހުރި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތައް ވުރެއް އެތަށް ހާސް ހައުސިން ޔުނިޓެއްގެ ގިނަ މަޝްރޫތަކެއްގައި މިރޭ ސޮއި ކުރެވިގެން މިދަނީ. އެއީ އަޅުގަނޑުމެން މި ކިޔާ އިންގިލާބީ ބަދަލަކީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިމަސައްކަތް ހަވާލު ކުރި ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ އޯގަސްޓު މަހާއި ހަމަޔަށް ހައުސިން ޔުނިޓުތައް ނިންމައި ހަވާލު ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހައުސިން ޔުނިޓުތައް ނިމޭއިރު ހުޅޫމާލޭގެ ދެން ތިބި ތަންތަން ވެސް ހުންނާނީ ތަރައްގީވެފައި ޔޫތު ސިޓީ ނިމެން ކައިރިވެފައި ކަމަށެވެ.

15000 ހައުސިން ޔުނިޓު އެޅުމަށް ހަވާލު ކުރި ކުންފުނިތައް

7000 ހައުސިން ޔުނިޓު އިމާރަތް ކުރަން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ކޯޕަރޭޝަން ލިމިޓަޑް
5000 ހައުސިން ޔުނިޓު އިމާރާތް ކުރަން ތުރުކީގެ އޮސްޓާފް ހޯލްޑިން އެވެ.
1000 ހައުސިން ޔުނިޓު އިމާރާތް ކުރަން ޖީވީ ނޭޗާ އިންވެސްޓް މަންޓް ލަންކާ ޕްރައިވެްޓް ލިމިޓަޑް
1000 ހައުސިން ޔުނިޓު އިމާރަތް ކުރަން ޖޫގަން އެސެޓް ކޯޕަރޭޝަން
1000 ހައުސިން ޔުނިޓު އިމާރަތް ކުރަން މެޓޮލޮޖިކަލް ކޯޕަރޭޝަން ޗައިނާ ލިމިޓަޑް