ހައުސިން ޔުނިޓް

އަރަބިއްޔާ އާއި ގާކޮށީގައި އެޅި ފްލެޓްތައް ސަރުކާރާއި ހަވާލުކޮށްފި

ޓާޓާ ހައުސިން އިން އަރަބިއްޔާ އާއި ގާކޮށީގައި އެޅި ފްލެޓްތަށް ނިންމައި، ސަރުކާރާއި ހަވާލުކޮށްފި އެވެ.

ޖުމްހޫރީމައިދާނުގައި މިރޭ ކުރިއަށް ދިޔަ "ގެދޮރުވެރިކުރުން" ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި ފްލެޓުތަކާއި ހަވާލުވެ ވަޑައިގެންނެވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މިރޭ ސަރުކާރާއި ހަވާލު ކުރި މަޝްރޫއަކީ މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 500 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަރަބިއްޔާ އާއި ގާކޮށީގައި އިމާރާތް ކުރި 350 ހައުސިން ޔުނިޓުގެ މަސައްކަތެވެ. އެއީ ގާކޮށީގައި އިމާރާތްކޮށްފައިވަނީ 198 ހައުސިން ޔުނިޓު އަދި އަރަބިއްޔާގައި 90 ޔުނިޓެވެ.

ޓާޓާ ފްލެޓްތައް އެޅުމުގެ މަސައްކަތްކޮށްފައިވަނީ އިންޑިޔާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާގެ 65 ޕަސެންޓާއި އިންޑިޔާގެ އެސްޖީ 18 ޑިވެލޮޕާސް ކުންފުނީގެ 35 ޕަސެންޓް ހިއްސާއާއެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ" ކުންފުންޏާއި އެވެ. އެކުންފުނިން ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ވަނީ މި އަހަރުގެ ޖެނުއަރީ މަހަށެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން އެމަސައްކަތް ވަނީ ލަސްވެފަ އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ ގޮތުގައި ދެން އަޅަން ނިންމާފައިވަނީ 263 ނަންބަރުގެ ކޮށީގައާއި 58 ވަނަ ކޮށީގައި 150 ހައުސިން ޔުނިޓެވެ.