އަތޮޅުތަކުގައި ގެދޮރު ބިނާ ނުކުރެވިފައި ތިބި 100 އަށް ވުރެއް ގިނަ މީހުންނަށް އިސްލާމިކް ފެސިލިޓީ ލޯން ސްކީމްގެ ދަށުން ލޯނު ދީފި އެވެ. އެއިން ކޮންމެ މީހަކަށް ވެސް ސަރުކާރުން ދީފައި ވަނީ 400،000 ރުފިޔާގެ ލޯނެކެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ކުރިއަށް ދިޔަ "ގެދޮރުވެރިކުރުން" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަތޮޅުތަކުގައި ވަރަށް ގިނަ ގެތަށް ފަޅުކޮށް ހުރި ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު ގޯތީގައި ގެ ނާޅައި ތިބީ ގެ އަޅާނެ މާލީ ތަނަވަސްކަން ނެތުމުން ކަމަށެވެ. އެކަމަށް ހައްލެއް ހޯދެއްވުމަށް 2014 ގައި ފެއްޓެވި މަސައްކަތުގައި މިއަދާއި ހަމައަށް ފުރަތަމަ ބުރުގައި 100 އަށްވުރެ ގިނަ ފަރާތް ހޮވިފައި ކަމަށެވެ.
"އަތޮޅުތަކުގެ ތެރޭގައި ދިރި އުޅޭ ރައްޔިތުންގެ ގެތައް ބިނާ ކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރުތެރޭގައި ހިނގުނު ސްކީމުގެ ތެރޭގައި ހޮނުވު 109 މީހުންނަށް މިހާރު މިވަނީ އެގްރީމަންޓުތައް ހެދި ގިނަ ބައެއްގެ ގެތައްވެސް ވަނީ ބިނާ ކުރަން ފަަށައިފަ. އެހެންވީމައި މާލެއެކޭ އަތޮޅުތަކު ތެރެއެކޭ ތަފާތު ކުރުމެއް ނެތި މުޅި ގައުމުގައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަކީ ހަމަހަމަ ބައެއް ގޮތުގައި ދެކިވަޑައިން މުޅި ގައުމު ތަރައްގީ ކުރުމަށްޓަކައި ރައީސް ޔާމީން ކަންކަން ކުރައްވާނެ ކަން މިރޭވެސް ވަނީ ސާފުކޮށް ފެނިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް ފެސިލިޓީ ލޯން ސްކީމްގެ ދަށުން ލޯނު ލިބުނު ކޮންމެ ފަރާތަކަށް 400،000 ރުފިޔާ ސަރުކާރުން ވަނީ ދީފަ އެވެ. ފައިސާ ދީފައި ވަނީ އެފަރާތްތަކުގެ ގެދޮރު އިމާރާތް ކުރުމަށް އެޗްޑީއެފްސީގައި ސަރުކާޜުން ހުޅުވާފައިވާ ފަންޑުގެ ތެރެއިން ފަސް ޕަސަންޓް 20 އަހަރު ތެރޭގައި އަދާ ކުރާ ގޮތަށެވެ.