ކާނާ

ނާޒްގެ ދެވަނަ ރެސިޕީ ފޮތުގެ ފައިދާވެސް ތެލަސީމިއާ ފަންޑަށް

މަޝްހޫރު ކެއްކުންތެރިޔާ އައިމިނަތު ނާޒްލީ އިބްރާހިމް (ނާޒް) ގެ ކައްކާ ފޮތް " މަލާފަތް" ގެ ދެވަނަ ފޮތް މިރޭ އިފްތިތާހްކޮށްފި އެވެ. މި ފޮތް އިފްތިތާހްކޮށްދެއްވީ އަނީސާ އަހްމަދެވެ. މި ފޮތުގެ ފުރަތަމަ ބައި ނާޒް ނެރެފައިވަނީ 2013 ވަނަ އަހަރެވެ.

މިފްކޯގެ އެހީތެރިކަމާއެކު މިރޭ މިފޮތް ނެރުމަށް މިފްކޯ މަސް ފިހާރައިގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ނާޒް ބުނީ މިފޮތުގައި 215 ރެސިޕީ ހިމެނޭނެ ކަމަށާއި އަދި ހަކުރު ބަލީގެ މީހުންނަށް ހާއްސަ ރެސިޕީތަކެއް ހުންނާނެ ކަމަށެވެ. މިފޮތުގައި ހިމެނޭ ރެސިޕީތަކުގައި ދިވެހި ރަހަ ތަކާއި އަދި ޒުވާނުންނަށް ކަމުދާ ކަހަލަ ރަހަތަކެއްވެސް ހުންނާނެ ކަމަށެވެ.

"މިފޮތް އަޅުގަނޑު ތައްޔާރުކުރީ ކޮންމެ ރެސިޕީއެއްވެސް ވަކިން ތައްޔާރުކޮށްފައި ރަހަ ބަލާފައި، އެހެން މީހުންނަށް ރަހަ ދައްކާފައި" ނާޒް ބުންޏެވެ. ނާޒް ބުނީ މި ފޮތް ވިއްކައިގެން ލިބޭ ފައިދާ ތެލަސީމިއާ ފަންޑަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. ނާޒްގެ މަލާފަތް އެކަކުން ލިބުނު އާމްދަނީވެސް ނާޒްވަނީ ތެލަސީމިއާ ފަންޑަށް ހަދިޔާކޮށްފަ އެވެ.

މިރޭގެ ހަފްލާގައި މިފްކޯއިން ވަނީ ނާޒްގެ ފޮތް ވިއްކައިގެން ލިބޭ ފައިސާގެ ދެގުނަ ފައިސާ އެކުންފުނިން ތެލަސީމިއާ ފަންޑަށް ހަދިޔާ ކުރާނެ ކަމަށެވެ.

މިފޮތް އަދި މިފްކޯ މަސްފިހާރައިން ލިބެންހުރި ނަމަވެސް ވަރަށް އަވަހަށް ރައުންޑްވަން ބުކްޝޮޕުން ލިބެން ހުންނާނެ ކަމަށް ނާޒް ބުންޏެވެ. މި ފޮތުގެ އަގަކީ 250ރ. އެވެ.