އެމްއެމްއޭ

ތެލާއި ކާބޯތަކެތީގެ އިމްޕޯޓަށް 16 ބިލިއަން ރުފިޔާ

ރާއްޖެއަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާގެ ތެލާއި ކާބޯތަކެތި އިމްޕޯޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 39.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

މީގެ ތެރޭގައި 8.5 ބިލިއަން ރުފިޔާގެ ތެޔޮ އަދި 7.4 ބިލިއަން ރުފިޔާގެ ކާބޯތަކެތި ހިމެނެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މޭވާ އާއި ތަރުކާރީގެ އިތުރުން ފަލަމަޑީގެ ބާވަތްތަކާއި ހަވާދުގެ ބާވަތްތައް ހިމެނޭ ގޮތަށް 1.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން އެއްގަމު މަހާއި ކިރާއި ބިސް ހިމެނޭ ގޮތަށް 2.4 ބިލިއަން ރުފިޔާގެ މުދާ މި މުއްދަތުގައި ރާއްޖެ ގެނެސްފައިވެ އެވެ.

ތެލުގެ ބާވަތްތަކުގެ ތެރެއިން އަގުގެ ގޮތުން އެންމެ ގިނައިން ގެނެސްފައިވަނީ ޑީސަލެވެ.

އެގޮތުން 6.6 ބިލިއަން ރުފިޔާގެ ޑީސަލް ރާއްޖެ ގެނެސްފައިވާއިރު އެއް ބިލިއަން ރުފިޔާގެ ޕެޓްރޯލް އަދި 400 މިލިއަން ރުފިޔާގެ އޭވިއޭޝަން ގޭސް ރާއްޖެ ގެނެސްފައިވެ އެވެ.

މީގެ އިތުރުން ލަކުޑި، ދަގަނޑު، ސިމެންތީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ގެނެސްފައިވާ މުދާތަކުގެ ތެރޭގައި އިލެކްޓްރިކް، އިލެކްޓްރޯނިކް އަދި މެޝިނަރީ އާއި އެތަކެއްޗަށް ބޭނުންވާ ސާމާނުގެ އިތުރުން ފަރުނީޗަރު ހިމެނެ އެވެ.