އިމްޕޯޓް އެކްސްޕޯޓް

ސެޕްޓެމްބަރުގެ ނިޔަލަށް އިމްޕޯޓް 39 ބިލިއަނަށް

ރާއްޖެއަށް މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިމްޕޯޓްކުރި މުދަލުގެ އަގު 2.57 ބިލިއަން ޑޮލަރު -- 39 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 1.77 ބިލިއަން ޑޮލަރު –- 27 ބިލިއަން ރުފިޔާގެ މުދަލެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު އަމިއްލަ ފަރާތްތަކުން އިމްޕޯޓްކުރި މުދަލުގެ އަގު 1.74 ބިލިއަން ޑޮލަރު –- 26.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. ޕަބްލިކް އިމްޕޯޓްސްގެ އަގު 829 މިލިއަން ޑޮލަރު –- 12.7 ބިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޕެޓްރޯލާއި ޑީސަލް އަދި އޭވިއޭޝަން ގޭސް ހިމެނޭ ގޮތަށް 9.77 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތް ރާއްޖެއަށް އިމްޕޯޓްކޮށްފައިވެ އެވެ.

ދެން އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. ސެޕްޓެމްބަރުގެ ނިޔަލަށް 7.6 ބިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އިމްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު އިތުރުވެފައިވާއިރު އެކްސްޕޯޓްވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިތުރުވެފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން 283 މިލިއަން ޑޮލަރު –- 4.3 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރީ ތިން ބިލިއަން ރުފިޔާގެ މުދަލެވެ.