ރާއްޖެއަށް މިއަހަރުގެ އޮގަސްޓް މަހު ފަސް ބިލިއަން ރުފިޔާ މުދާ އިމްޕޯޓްކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ އިމްޕޯޓު ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ ހަތް ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.8 ބިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓް އިތުރުވި ނަމަވެސް އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ މިއަހަރުގެ އޮގަސްޓް މަހު 26 ޕަސަންޓް ދަށްވެފަ އެވެ. މިއަހަރުގެ އޮގަސްޓް މަހު 93 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު މި އަދަދު ހުރީ 125 މިލިއަން ރުފިޔާގަ އެވެ.
ކަސްޓަމްސް އިން އާންމުކުރި އިމްޕޯޓާއި އެކްސްޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހަށްވުރެ 17 ޕަސަންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 391 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އޮގަސްޓް މަހު އެ އަދަދު ހުރީ 324 މިލިއަން ރުފިޔާގަ އެވެ.
ރާއްޖެއަށް މިއަހަރުގެ އޮގަސްޓް މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ޖަރުމަނުވިލާތުންނެވެ.
އަގުގެ ގޮތުން އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ފަސް ގައުމު
- އޮމާން - 887 މިލިއަން ރުފިޔާގެ މުދާ
- އިންޑިއާ - 736 މިލިއަން ރުފިޔާގެ މުދާ
- ޔޫއޭއީ - 648 މިލިއަން ރުފިޔާގެ މުދާ
- ޗައިނާ - 398 މިލިއަން ރުފިޔާގެ މުދާ
- ޖަރުމަނު - 364 މިލިއަން ރުފިޔާގެ މުދާ
ރާއްޖެއިން މިދިޔަ އޮގަސްޓް މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ޖަރުމަނުވިލާތަށެވެ. އެގޮތުން ރާއްޖެއިން އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ 25 ޕަސަންޓް ޖަރުމަނަށް އެކްސްޕޯޓްކޮށްފައިވާއިރު 18 ޕަސަންޓްގެ މުދާ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.
މީގެ އިތުރުން ތައިލެންޑަށް 13 ޕަސަންޓް މުދާ އެކްސްޕޯޓްކޮށްފައިވާއިރު އިންޑިއާއަށް އަށް ޕަސަންޓް އަދި ފްރާންސަށް ފަސް ޕަސަންޓް މުދާ ބޭރުކޮށްފައިވެ އެވެ.