މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް އިތުރުވެ، އާމްދަނީ 78 ޕަސެންޓް މައްޗަށް

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 78 ޕަސެންޓް މައްޗަށް ޖެހިލާފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު ވަނީ 4.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 78 ޕަސެންޓުގެ އިތުުރު ވުމެކެވެ.

އިމްޕޯޓް އިތުރު ވުމުގެ ސަބަބުން ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 23 ޕަސެންޓް އިތުރުވެފައި ވެއެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު 296 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ ޔޫއޭއީ، ޗައިނާ، އިންޑިއާ އަދި އޮމާން އެވެ. ޔޫއޭއީން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 575 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

އިންޑިއާއިން 504 މިލިއަން ރުފިޔާގެ މުދާ އަދި އޮމާން އިން 487 މިލިއަން ރުފިޔާގެ މުދާ ވަނީ މިދިޔަ މަހު ރާއްޖެ އެތެރެކޮށްފަ އެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން އެކްޕޯޓްކޮށްފައި ވަނީ ތައިލޭންޑް، ޖަރުމަން އަދި މޮރިޝަސް އެވެ. ތައިލޭންޑަށް 37 ޕަސެންޓް މުދާ އެކްޕޯޓް ކޮށްފައިވާއިރު ޖަރުމަނަށް އެކްސްޕޯޓް ކޮށްފައި ވަނީ 16 ޕަސެންޓް މުދަލެވެ. އަދި މޮރިޝަސް އަށް ނުވަ ޕަސެންޓްގެ މުދާ އެކސްޕޯޓްކޮށްފައި ވެއެވެ