މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް އިތުރުވެ، އާމްދަނީ 49 ޕަސަންޓް މައްޗަށް

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 49 ޕަސެންޓް މައްޗަށް ޖެހިލާފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 4.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 49 ޕަސެންޓުގެ އިތުުރު ވުމެކެވެ.

އިމްޕޯޓް އިތުރު ވުމުގެ ސަބަބުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 30 ޕަސެންޓް އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 240 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ލިބިފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 312 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޗައިނާ، އޮމާން، އިންޑިއާ އަދި ޔޫއޭއީ އިންނެވެ. ޗައިނާއިން 831 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާންއިން 572 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

އިންޑިއާއިން 514 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއިން އިން 480 މިލިއަން ރުފިޔާގެ މުދާ ވެސް މިދިޔަ މަހު ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑް، އިނގެރޭސިވިލާތް އަދި މޮރިޝަސް އަށެވެ. ތައިލޭންޑަށް 54 ޕަސެންޓް މުދާ އެކްސްޕޯޓް ކޮށްފައިވާއިރު އިނގިރޭސިވިލާތަށް އެކްސްޕޯޓް ކޮށްފައި ވަނީ 10 ޕަސންޓް މުދަލެވެ. އަދި މޮރިޝަސް އަށް ހަތް ޕަސެންޓްގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ