ރާއްޖެއަށް މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް އިމްޕޯޓްކުރި މުދަލުގެ ސީ.އައި.އެފް އަގު 3.15 ބިލިއަން ޑޮލަރު -- 48.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 2.28 ބިލިއަން ޑޮލަރު –- 35 ބިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރުގެ ނިޔަލަށް އަމިއްލަ ފަރާތްތަކުން އިމްޕޯޓްކުރި މުދަލުގެ އަގު 33.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. ނޮވެމްބަރު މަހުގެ ނިޔަލަށް ޕެޓްރޯލާއި ޑީސަލް އަދި އޭވިއޭޝަން ގޭސް ހިމެނޭ ގޮތަށް 11.6 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތް ރާއްޖެއަށް އިމްޕޯޓްކޮށްފައިވެ އެވެ.
ދެން އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. ނޮވެމްބަރުގެ ނިޔަލަށް 9.4 ބިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އިމްޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރުވެސް މިދިޔަ އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ވަނީ އިތުރުވެފަ އެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގު 355.6 މިލިއަން ޑޮލަރު -- 5.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރީ 252.8 މިލިއަން ޑޮލަރު -- 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.