މަސްވެރިން

މަސް ބޭރުކުރި އަދަދު ދަށަށް

ރާއްޖެއިން މަސް އެކްސްޕޯޓްކުރި އަދަދު މިދިޔަ އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައުލޫމާތާއި، މަރުކަޒީ ބޭންކް – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 65،392.5 މެޓްރިކް ޓަނުގެ މަހެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އިން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 69،113.9 މެޓްރިކް ޓަނުގެ މަހެވެ.

ތާޒާ އަދި ގަނޑުކުރި މަހުގެ ބާވަތްތަކުގެ ތެރެއިން މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ. މިއަހަރު 46،812 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓް ކޮށްފައިވެ އެވެ.

މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ގޮތުގައި 7،869 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފަ އެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި މިއަހަރުގެ ނޮވެމްބަރު މަހު ކަޅުބިލަ މަސް ކިލޯއެއް ހުރީ 24.4 ރުފިޔާ އަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ އަދަދު ހުރީ 24.7 ރުފިޔާ އަށެވެ.