އެސްޓީއޯ

89،000 އަށް ވުރެ ގިނަ ކާޑު ބަސްތާ ފޮނުވައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ މަހު 89،909 ކާޑު ބަސްތާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވައިފި އެވެ.

އެސްޓީއޯ އިން އާންމުކުރި ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެސްޓީއޯ އިން ވަނީ 41،683 ބަސްތާ ހަނޑޫގެ އިތުރުން 33،298 ބަސްތާ ފުށާއި 14،928 ބަސްތާ ހަކުރު ސަޕްލައިކޮށްފަ އެވެ.

މާލެ ސަރަހައްދުގައި 1،601 ތަނަކަށް އެސްޓީއޯއިން މިދިޔަ މަހު ވަނީ ކާޑު ފޮނުވާފަ އެވެ.

އެގޮތުން 15،565 ބަސްތާ ފުށާއި 7،431 ބަސްތާ ހަކުރާއި 20،706 ބަސްތާ ހަނޑޫ މާލެ ސަރަހައްދަށް ފޯރުކޮށްދީފައިވެ އެވެ.

އެސްޓީއޯގެ ރީޖަނަލް ނުވަ ފިހާރައަކަށް 4،600 ބަސްތާ ފުށާއި 3،340 ބަސްތާ ހަނޑޫ އަދި 1،390 ބަސްތާ ހަކުރު ފޮނުވާފައިވެ އެވެ.

މީގެއިތުރުން ރީޖަނަލް 578 އެޖެންޓަކަށް މިދިޔަ މަހު ކާޑު ފޮނުވި ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެގޮތުން 17،637 ބަސްތާ ހަނޑޫ ފޮނުވާފައިވާއިރު 13،133 ބަސްތާ ފުށާއި 6،107 ބަސްތާ ހަކުރު އެސްޓީއޯއިން މިދިޔަ މަހު ރީޖަނަލް އެޖެންޓުންނަށް ފޮނުވި އެވެ.