ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކާނާ

ގުދަން ކުރަން ގަންނަނަމަ ކާޑު ވިއްކުން ކޮންޓްރޯލް ކުރަން މަޖުބޫރު ވާނެ: މިނިސްޓަރު

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން އާންމުން ކާޑުގެ ބާވަތްތައް ގިނަ އަދަދަކަށް ގަނެ ގޭގޭގައި ގުދަން ކުރަން ޖެހޭ ހާލަތަކަށް ނުދާ ކަމަށާއި ކާޑުގެ ބާވަތްތައް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ގަންނަމުންދާނަމަ، ސަރުކާރަށް ކާޑު ވިއްކުން ކޮންޓްރޯލް ކުރަން މަޖުބޫރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރާ ވިޔަފާރިތަކުގެ ބޭފުޅުންނާއެކު ކަސްޓަމް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ ކާޑުގެ ބާވަތްތަކާއި ކާބޯތަކެތީގެ އެހެން ބާވަތްތައް ވެސް ލިބުމުގައި އެއްވެސް ދައްޗެއް ނޫޅޭ ކަމަށެވެ. މިފަދަ ބާވަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ވެސް އެ ތަކެތީގެ ޝޯޓޭޖްއެއް އައިސްގެން އުޅެނީ އެއް ފަހަރާ ގިނަ އަދަދެއްގެ ބާވަތްތައް އާންމުންގެ ފަރާތުން ގަތުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ގޮތަށް އަމަލު ނުކުރުމަށް ފައްޔާޒު މިއަދުވެސް އިލްތިމާސް ކުރެއްވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ކާބޯތަކެތި އެތެރެކުރާ އިމްޕޯޓަރުން ވެސް ބުނި ގޮތުގައި ކާބޯތަކެތި އެ ވިޔަފާރިތަކަށް ސަޕްލައި ލިބުމުގައި އެއްވެސް ދަތި ކަމެއް ނޫޅެ އެވެ. ކުރިއަށް އޮތް ތިން މަހަށް ބޭނުންވާ ވަރަށް ކާބޯތަކެތި ލިބެން ހުންނާނެ ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ. އެކަމަކު އާންމުންގެ ތެރެއިން މީހުން އެއް ފަހަރާ ތަކެތި ގަނެގެން ދާނަމަ މުދަލުގެ ސްޓޮކަށް ޝޯޓޭޖްއެއް އަންނަ ކަމަށް އިމްޕޯޓަރުން ބުންޏެވެ.

އާންމުން ކާބޯތަކެތި ގަތުމުގައި މިނެއް ނުހިފަހައްޓާ ކުރިއަށް ދާނަމަ އަޅާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ އެ ހާލަތަށް ދާން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކާބޯތަކެތި ގަންނަނަމަ، ހުރިހާ ރައްޔިތުންނަށް ކާޑު ލިބޭނޭ ގޮތަށް ކާޑު ވިއްކުމުގައި ކޮންޓްރޯލެއް ގެންގުޅެން މަޖުބޫރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ޒާތުގައި އެފަދަ ހާލަތެއް ނެތް، އެކަމަކު އަމިއްލައަށް އެފަދަ ހާލަތެއް އުފައްދައިފިނަމަ ސަރުކާރަށް ޖެހޭނީ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ހަނޑުލާއި ފުށާއި ހަކުރު ކޮންޓްރޯލް ކޮށްގެން އެ މީހަކަށް ބޭނުންވާ ވަރަކަށް ލިބޭނެ އިންތިޒާމު ހަދަން." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައްޔިތުން އައިޑީ ކާޑު ހިފައިގެން ދިގު ކިއޫއެއްގައި ތިބެގެން ކާޑު ލިބޭ ފަދަ ގޮތެއް ހަދަން ޖެހިއްޖެ ނަމަ އޭގެ ތަކުލީފުތައް ވެސް އަންނާނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ސަރުކާރުން ކުރަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން އެ ގޮތަށް އެއް ފަހަރާ މާ ގިނައިން ތަކެތި ގަތުމުގެ ބަދަލުގައި ބޭނުންވާ ވަރަށް ތަކެތި ގަތުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެ ހިސާބަށް ގޮސް، ރައްޔިތުން ކިއު ޖެހިގެން އައިޑީކާޑު ހިފައިގެން އައިސް ތިބެ ކާޑުގެ ބާވަތާއި ކާބޯތަކެތި ގަންނަން ތިބޭކަށް، އެއީ ވަރަށް ބޮޑު ތަކުލީފެއް، އެ ހިސާބަށް ދާކަށް ނުޖެހޭ، އެއް ގޮތަކަށް ދާކަށް ނުވެސްޖެހޭ، ދުނިޔޭގައި ހަނޑޫ ހުސްވެގެނެއް ނޫން މި އުޅެނީއެއް، ހަނޑޫ ނުއުފެއްދިގެންނެއް ނޫން މި އުޅެނީއެއް. ހަނޑޫ ޓްރާންސްޕޯޓް ނުކުރެވިގެނެއް ވެސް ނޫން މި އުޅެނީއެއް،" ފައްޔާޒު ވިދާޅުވި އެވެ.

ވިޔަފާރިތައް ދަނީ މޮނިޓާ ކުރަމުން، ނާޖާއިޒު ފައިދާ ނަގަން ޖާގައެއް ނުދޭނަން

ރާއްޖޭން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން އިތުރުވި މި ދަނޑިވަޅުގައި ބައެއް ވިޔަފާރިވެރިން އޭގެ ނާޖާއިޒު ފައިދާ ނަގައި، ބައެއް ތަކެތި އަގުބޮޑު ކުރަމުންދާ ކަމާ ގުޅޭ ޝަކުވާތަކުގެ އަޑު ވަނީ ގަދަވެފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވެސް ވިދާޅުވީ ބައެއް މަޖޫރީން ވިޔަފާރީގެ މަގްސަދުގައި ރައްޔިތުންގެ ތެރޭގައި ހާސްކަން އުފައްދަން އުޅޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސަރުކާރުން ދަނީ ވިޔަފާރިތައް ވެސް މޮނިޓާ ކުރަމުން ކަމަށެވެ. މިފަދަ ދަނޑިވަޅުތަކުގައި ނާޖާއިޒު ފައިދާ ނަގާ ވިޔަފާރިތައް ވެސް އުޅޭ ކަމަށާއި ނަމަވެސް ގިނަ ވިޔަފާރިތަކުން އެފަދަ ގޮތަކަށް އަމަލު ނުކުރާ ކަން ވެސް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، ވިޔަފާރިތައް ކޮންޓްރޯލް ކުރަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ. ވިއްކާ މުދާތަކުގެ އަގުތައް ކޮންޓްރޯލް ކުރާނީ އާންމު ގޮތެއްގައި ގިނަ ވިޔަފާރިތަކުން އެ ގޮތަށް އަމަލުކޮށް އާންމުންނަށް ދަތިވާ ވަރަށް ތަކެތީގެ އަގު އުފުލުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރަށް ނަގައި މުދާ ބަހަން ޖެހޭ ހާލަތަށް ގޮސްފިނަމަ އެ ކަން ވެސް ސަރުކާާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ކައިރިން މޮނިޓާ ކުރަމުން މި ދަނީ. އާންމު ގޮތަކަށް އެ ކަން ހިނގާ ކަމަށް ވަންޏާ ސަރުކާރުން އަގު ކޮންޓްރޯލް ކުރާނީ، ވިއްކުން ވެސް ކޮންޓްރޯލް ކުރާނަން، ކުރާނަމަ އަގު ކޮންޓްރޯލް ކުރަނީ ކޮންކޮން ތަކެއްޗެއް ކަން އަޅުގަނޑުމެން އިއުލާން ކުރާނަން." ފައްޔާޒު ވިދާޅުވި އެވެ.