ހަބަރު

އައިއެސް އާ ގުޅެން ދިޔަ ކޮނޑޭގެ އާއިލާ އެމެރިކާ އާއި އިންޑިއާ އަށް ވެސް ނުހުއްޓުވުނު!

ސީރިއާ އާއި އިރާގުގައި އަތްގަދަކޮށްފައިވާ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމަށް، ރާއްޖެ އިން ފުރައިގެން ދިޔަ 12 ދިވެއްސަކު ހައްޔަރުކުރުމަށް އިންޑިއާ ގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއް ނާކާމިޔާބުވެއްޖެ އެވެ.

އިންޑިއާގެ މުމްބާއީ މިރާ ނޫހުގައި ބުނެފައިވާ ގޮތުން، ގއ. ކޮނޑޭ އަށް ނިސްބަތްވާ މިއާއިލާގެ 12 މެމްބަރުން ހިފައި ހައްޔަރުކުރުގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އާއި އެމެރިކާގެ ބާރުތައް ގުޅިގެންނެވެ. ނަމަވެސް އޮޕަރޭޝަން ނާކާމިޔާބުވެފައިވާއިރު ކޮނޑޭގެ މި އާއިލާގެ މެމްބަރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ދޯހާ މަގުން އިސްތަންބޫލަށް އަށް ގޮސްފައެވެ.

އެމީހުން އިންޑިޔާގެ ބެންގަލޫރުން އިސްތަންބޫލަށް ގޮސްފައިވަނީ ގަތަރު އެއާވޭސް ގެ ފްލައިޓަކުންނެވެ. މި މީހުންގެ ހިލަމެއް އެންމެފަހުން ވެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 13 ވަަނަ ދުވަހުގައި ކަމަށް، ޖާސޫސީ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ. ބޮޑަށް ބެެލެވޭ ގޮތުގައި މި މީހުން ވަނީ ސީރިޔާއަށް އެތެރެވުމަށް ފަހު އެ މީހުންގެ ފޯނުތަށް އުކާލައިފަ އެވެ. މީގެ ފަހުން މި 12 މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އިންޑިޔާ އަދި އެމެރިކާގެ އިންޓެލިޖެންސަށް ލިބޭގޮތް ވަނީ ނުވެފައެވެ.

އެމެރިކާ އިން ތަމްރީން ހަދާފައިވާ ޕައިލެޓެއް ވެސް ނިސްބަތްވާ މި އާއިލާ އިންޑިޔާ އަށް އެތެރެވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހެލްތު ވިސާގަ އެވެ. މި އާއިލާގެ ފަސް މެމްބަރެެއްގެ މައުލޫމާތާއި ފޮޓޯ މީޑިއާގައި ވެސް އާންމުކޮށްފައިވެ އެވެ. މައުލޫމާތު އާންމުކޮށްފައިވާ ފަސް މީހުންނަކީ 30 އަހަރުގެ އަބްދުﷲ މުބާރަކާއި 28 އަހަރުގެ މުއިއްޒު ހަސަން އަދި 32 އަހަރުގެ އަހްމަދު އަޒްމީރު އާއި 27 އަހަރުގެ ޒޫނާ ޒަރީރްގެ އިތުރުން 30 އަހަރުގެ ޒާހިދާ ޒަރީރް އެވެ.

އާއިލާގެ އަނެއް ހަތް މެމްބަރުންގެ މައުލޫމާތު އާންމެއް ނުކުރެ އެވެ.

މި ދިވެހި އާއިލާއެއް ސީރިއާގެ ދާޚީލީ ހަނގުރާމައާ ގުޅެން އުޅޭކަމުގެ މައުލޫމާތު އިންޑިއާ އަށް ދިނީ އެމެރިކާގެ ޖާސޫސީ އިދާރާތަކުންނެވެ. އެ ހިސާބުން ފެށިގެން 100 ގަޑިއިރުގެ އޮޕަރޭޝަނެއްގައި މި އާއިލާގެ މެމްބަރުންނަށް އިންޑިއާގައި ސަލާމަތީބާރުތަކުން ފާރަލައިފައި ވެއެވެ. ކޮނޑޭގެ މި އާއިލާގެ މެމްބަރުން ފިލީ، އެމީހުން ހައްޔަރުކުރުމުގެ ފަހު މަރުހަލާގަ އެވެ.

ރަސްމީ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫހުގައި ބުނެފައި ވަނީ މި އާއިލާގެ 12 މެމްބަރުންނަކީ ވެސް މާލޭގައި ހިންގާ، ޖަމިއްޔަތުލް ސަލަފަށް ނިސްބަތްވާ ބައެއް ކަމަށެވެ. އެމެރިކާގެ ސިފައިންނާ ހަވާލާދީ މިނޫހުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މި އާއިލާގައި ތަމްރީން ލިބިފައިވާ ޕައިލެޓެއް ހުރުމެވެ. އެމެރިކާއިން ދެކޭގޮތުގައި މިކަހަލަ ތަމްރީން ލިބިފައިވާ ޕައިލެޓުން އައިއެސް އާ ގުޅުމުން އެމިރިކާއަށް ދިން 9/11 ފަދަ ޓްރެރިޒަމް ހަމާލާއަކަށް އައިއެސް އިން ތައްޔާރު ވެދާނެއެވެ. އިންޑިޔާގެ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި އިންޑިޔާއިން މިކަމާ އެންމެ ކަންބޮޑުވާ ސަބަބަކީ އަވަށްޓެރި ގައުމެއްގަައި ޓެރަރިޒަމްގެ ބިރެއް އުފެދިދާނެތިއެވެ.

މިހާތަނަށް 150 ދިވެހިން ޖިހާދުގެ ނަމުގައި މެދުއިރުމައްޗަށް ނުވަތަ ހަނގުރާމަ ކުރިއަށް ދާ ސީރިއާ އާއި އިރާގަށް އެތެރެވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އިންޑިއާ މެދުވެރި ކޮށް ދަތުރުކުރާ ކަމަށް ޖާސޫސީ މައުލޫމާތުތަކުން އެނގޭ ކަމަށް މުބްބާއި މިރާގައި ބުނެފައިވެ އެވެ.