ދުނިޔެ

ޔޫރަޕް އޮތީ ހައްދުފަހަނަޅައިފައި!

ކަންކަމުގައި ހައްދުފަހަނަޅައިދާ މީހުން ޔޫރަޕްގައި ގިނަވެ މައްސަލަތައް ހައްލުކުރުމަށް ކެތްތެރިކަމާ އެކު ކުރިމަތިލުމުގެ ފިކުރު ދޫކޮށް ހަމަނުޖެހުމަށް ހިތްވަރު ދޭ މީހުން މުޅި ޔޫރަޕްގައި ވެސް ގިނަވެއްޖެ ކަމުގެ އިންޒާރު ޔޫރަޕިއަން ކޮމިޝަންގެ ނާއިބު ރައީސް ފްރާންސް ޓިމަމަންސް އިއްޔެ ދެއްވައިފި އެވެ.

ޔޫރަޕިއަން ކޮމިޝަނަކީ ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ އެގްޒެކެޓިވް ބްރާންޗެވެ.

ލެޓްވިއާގެ ވެރިރަށް ރީގާގައި ކުރިއަށް ދިން ބައްދަލުވުމެއްގައި ޓިމަމަންސް ވިދާޅުވެފައި ވަނީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ތެރެއިން މުސްލިމުންނާއި ޔަހޫދީންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިންތިހާ އަށް އިތުރުވެފައިވާއިރު އަންހެނުންނަށް ގޯނާކުރުން ވެސް ޔޫރަޕްގެ ގައުމުތަކުގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށެވެ.

"ޔޫރަޕުގެ މުޖުތަމައުގައި އަންހެނުން ކުޅޭ ރޯލާ ދެކޮޅު މީހުން މިހާރު އެބަ ތިބި. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ޔަހޫދީންނަށް ޔޫރަޕް އެމީހުންގެ އަމިއްލަ ގެދޮރުގެ ގޮތުގައި އިހްސާސްނުކުރެވޭ ނަމަ ޔޫރަޕަކީ ޔޫރަޕެއް ނޫން. އަދި މުސްލިމުންނަށް ވެސް އެ ހިމާޔަތް ލިބެން ޖެހޭ،" ޓިމަމަންސް ވިދާޅުވެފައިވެ އެވެ.

މުސްލިމުންނާއި ޔަހޫދީންނާ ދެކޮޅު ވަރުގަދަ ކެމްޕޭންތަކެއް ޔޫރަޕުގައި ފުޅާކޮށްފައިވާއިރު މި ކެމްޕޭން އެންމެ ވަރުގަދަ އަށް ޖައްސާފައި ވަނީ ޖަރުމަނާއި ފްރާންސްގަ އެވެ. ފްރާންސްގެ ހަފުތާ މަޖައްލާ ޝާލީ އެބްދޫ އަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފްރާންސްގައި މުސްލިމުންނަށް ކުރާ ފުރައްސާރަ އާއި އަނިޔާ އިތުރުވެފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެގޮތުން ޕެރިހުގައި ދިން އެ ހަމަލާ އަށް ދެ ހަފުތާވީއިރު މުސްލިމުންނަށް ފުރައްސާރަ އާއި އަނިޔާކޮށްގެން 128 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އެއްކޮށް މިފަދަ މައްސަލަތައް ފްރާންސްގެ ފުލުހުންނަށް ރިޕޯޓްކުރެވުނު ވަރެވެ.