ހައްޖުގެ އަޅުކަން

ހައްޖަށް ގެންދިއުމުގެ ހުއްދަ މިއަހަރު ފަސް ކުންފުންޏަަށް

Apr 25, 2016
2
  • ކޮންމެ ކުންފުންޏަކަށް 80 ކޯޓާ
  • 14 ދުވަސްތަރޭ ހައްޖު އޮފީސް ހަދަންޖެހޭ
  • ފައިސާ ޖަމާ ކުރާނީ މޭ 8 އިން ފެށިގެން

ރާއްޖެއިން މީހުން ހައްޖަށް ގެންދަން ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ، ފަސް ކުންފުންޏަށް އެ ކުންފުނިތަކުން ހުށަހެޅި އަގުގައި ދީފި އެވެ. އެ ފަސް ކުންފުންޏަށް ހުއްދަ ދީފައި ވަނީ ކޮންމެ ކުންފުންޏަކަށް 80 ކޯޓާގެ މަގުންނެވެ. އެއީ ޒައީ ހައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑާއި މިނާ ޙައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި އަލްޙަރަމައިނި ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑު ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.

އިލްސްލާމިކް މިނިސްޓްރީން ބުނީ ހުއްދަ ލިބުނު ކުންފުނިތަކުން 14 ދުވަހުގެ ތެރޭގައި ޙައްޖުގެ ކަންކަން އިންތިޒާމުކުރާ އޮފީސް ކުރަން ޖެހޭނެ ކަމަށާއި ހައްޖަށް ގެންދިއުމަށްޓަކައި އާންމުން އަތުން ފައިސާ ބަލައިގަންނަންޖެހޭނީ އެ އޮފީސް ގާއިމުކުރުމަށްފަހު، އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާގޮތުގެ މަތީން ޙައްޖަށް ގެންދިއުމަށް ފައިސާ ބަލައިގަތުމުގައި ފަރުލު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ކޮންމެ ކުންފުންޏަކަށް ލިބޭ ޙައްޖު ކޯޓާގެ 90 ޕަސެންޓް ހާއްސަ ކުރަންޖެހެ އެވެ.

ޙައްޖަށް ދާން އެދޭ ފަރާތުން ފައިސާ ދައްކަންޖެހެނީ ދިވެހިރުފިޔާއިން އެ ކުންފުންޏަކުން ޙައްޖުގެ ފައިސާ ޖަމާކުރަން ހާއްސަކުރާ އެކައުންޓަށް ފައިސާ ޖަމާ ކޮށްގެންނެވެ. ފައިސާ ޖަމާ ކުރުމަށްފަހު އެކައުންޓަށް ފައިސާ ޖަމާކުރިކަން އަންގައިދޭ ސްލިޕު ކުންފުންޏާ ޙަވާލު ކުރުމާއެކު އެ ކުންފުންޏަށް ފައިސާ ދެއްކިކަމުގެ ރަސީދެއް ފައިސާ ދެއްކި ފަރާތުން ހޯދަންޖެހެ އެވެ. އަދި ކުންފުންޏަށް ފައިސާ ދެއްކި ފަރާތް ރަޖިސްޓްރީ ކުރުމަށްފަހު، ޙައްޖަށް ދާން އެދޭ ފަރާތާއި ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ޖެހެ އެވެ.

މިނިސްޓްރީން ބުނީ ޙައްޖަށް ގެންދިއުމަށް ހުށަހަޅާފައިވާ އަގަށް ޙައްޖަށް ގެންދާ މީހުނަށް ދޭން ކަނޑައަޅާފައިވާ ޚިދުމަތްތައް މި މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ގޮތަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އަދި ޙައްޖަށް ދާ ފަރާތްތަކުން ގްރޫޕުން ދިނުމަށް ހުށަހަޅުއްވާފައިވާ އަގުގައި އެ ޚިދުމަތްތައް ދިނުމަށް އެދޭ ކަމަށެވެ. ފައިސާ ނެގުމުގައާއި ޚިދުމަތް ލިބުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ މިނިސްޓްރީއަށް އެކަން ހުށަހެޅުމަކީ ޙައްޖަށް ދާ މީހާގެ ޒިންމާއެއް ކަމަށް ވެސް ބުންޏެވެ.

ކުންފުނިތަކާއި ޕެކޭޖްތައް

ޒައީ ގްރޫޕް:
- އިކްނޮމިކް ޕެކޭޖް / 69965ރ.

އެކްރޯ ޕްރައިވެޓް ލިމިޓެޑް:
- އިކްނޮމިކް ޕެކޭޖް/ 69975ރ.
- ބިޒްނަސް ޕެކޭޖް/ 74975ރ.
- ވީއައިޕީ ޕެކޭޖް/ 79975ރ.

މިނާ ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް:
- އިކްނޮމިކް ޕެކޭޖް / 69965ރ.
- ބިޒްނަސް ޕެކެޖް / 90656 ރ.
- ވީއައިޕީ ޕެކްޖް / 112129ރ.

އަލްޙަރަމައިނި ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ:
- އިކްނޮމިކް ޕެކޭޖް / 57999 ރ.
- ބިޒްނަސް ޕެކޭޖް / 65000ރ.

ސިސިލްފަރު ޙައްޖު އެންޑު އުމްރާ:
- އިކްނޮމިކް ޕެކޭޖް / 69969ރ.