ޑޮނަލްޑް ޓްރަމްޕް

ކޭސިކް އާއި ކްރޫޒް އުޅެނީ އަހަރެންގެ މައްޗަށް ކުރި ނުހޯދިގެން: ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރަމުންދާ ޓެޑް ކްރޫޒް އާއި ޖޯން ކެސީކް ގުޅިގެން ބިލިއަނަރު ޑޮނާލްޑް ޓްރަމްޕާ ދެކޮޅަށް ސްޓްރެޓެޖީތައް އެކުލަވާލަން އުޅެނީ އިންތިހާބުތަކުގައި ޓްރަމްޕަށްވުރެ ކުރި ނުހޯދިގެން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ކްރޫޒް އާއި ކެސީކް އެކުގައި ކެމްޕޭން ކުރަން ފަށާ އަދި ޓްރަމްޕާ ދެކޮޅަށް ސްޓްރެޓެޖީތައް އެކުލަވާލާނެކަން އިއުލާނުކުރުމުންނެވެ. އަދި ޓްރަމްޕް ވަނީ ކެންޑިޑޭޓު ނޮމިނޭޓު ކުރުމުގެ އުސޫލަކީ ޑިމޮކްރަސީ އާ ހިލާފު އުސޫލެއް ކަމަށެވެ.

ކެމްޕޭން ކުރަން ސްޓޭޓްތައް ދެ ކެނޑިޑޭޓުންނަށް ބަހާލަން ނިންމާފައިވާއިރު ކްރޫޒް ބޮޑަށް ކެމްޕޭން ކުރަން ޖެހެނީ އިންޑިއާނާގަ އެވެ. އަދި ކޭސިކް ބޮޑަށް ކެމްޕޭން ކުރަން ޖެހެނީ އޮރެގަން އަދި ނިއު މެކްސިކޯގަ އެވެ.

ރިޕަބްލިކަން ޕްރައިމަރީގެ އެންމެ ކުރީގައި މިހާރު ޓްރަމްޕް ހުރި ނަމަވެސް ޕާޓީގެ ކެނޑިޑޭޓަކަށް ވާން ހަމަވާންޖެހޭ ޑެލިގޭޓުންގެ ވޯޓު އަދި ހަމައެއް ނުވެ އެވެ. އެޕާޓީގެ ކެންޑިޑޭޓަށްވާން 1،237 ޑެލިގޭޓުންގެ ވޯޓު ލިބެން ޖެހެ އެވެ. ޕާޓީގެ ފަރާތުނ ްޕްރައިމަރީގައި ވާދަކުރަމުންދާ އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށް ޑެލިގޭޓުން ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ އެ ޕާޓީން ތަފާތު ސްޓޭޓުތަކަށް ހޮވާފައިވާ ޑެލިގޭޓުންނެވެ.