މިއަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަން ލިބުނު ކަމުގައިވިޔަސް އަމިއްލަ ޝަހުސިއްޔަތު ބަދަލުނުކުރާނެ ކަމަށް އެއިންތިހާބުގައި ވާދަކުރަން ޕްރައިމަރީގައި ބައިވެރިވެގެން ބޮޑު ތަރުހީބެއް ހޯދަމުން އަންނަ ރިޕަބްލިކަން ޕާޓީގެ ބިލިއަނަރު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އަދި މިހާރު ހުރި ހިސާބަށް އައީވެސް އެ ޝަހުިސިއްޔަތުގެ ސަބބުން ކަމަށެވެ.
" އަހަރެން ކިޔެވީވެސް އެންމެ ފެންވަރު ރަނގަޅު ސްކޫލްތަކުން، އަހަރެން ވަރަށް ވިސްނުންތޫނު ވާނެ. މިގައުމުގެ އިއްޒަތަށް ބުރުލެއް ނާރާނެ ގޮތަށް ގަދަރުވެރިކަމާއެކު އަމަލުތައް ބަހައްޓަން އަހަންނަށް އެނގޭ" ޓްރަަަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ފަސް ސްޓޭޓެއްގެ ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު ނިއުޔޯކުގައި އޭނާގެ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުންނެވެ. ޓްރަމްޕަށް ފަސް ސްޓޭޓް ކާމިޔާބުވި އިރު ރިޕަަބްލިކަން ޕާޓީގެ ވާދަވެރި ކެނޑިޑޭޓު ހިލަރީ ކްލިންޓަން އަށް ކާމިޔާބުވީ ހަތަރު ސްޓޭޓެވެ. މިނަތީޖާ މިހާރުވަނީ އަނެއްކާވެސް ޕާޓީ ޓިކެޓް ލިބުމާ ގާތްވެފަ އެވެ.
ރިޕަބްލިކަން ޕްރައިމަރީގެ އެންމެ ކުރީގައި މިހާރު ޓްރަމްޕް ހުރި ނަމަވެސް ޕާޓީގެ ކެނޑިޑޭޓަކަށް ވާން ހަމަވާންޖެހޭ ޑެލިގޭޓުންގެ ވޯޓު އަދި ހަމައެއް ނުވެ އެވެ. އެޕާޓީގެ ކެންޑިޑޭޓަށްވާން 1،237 ޑެލިގޭޓުންގެ ވޯޓު ލިބެން ޖެހެ އެވެ. ޕާޓީގެ ފަރާތުނ ްޕްރައިމަރީގައި ވާދަކުރަމުންދާ އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށް ޑެލިގޭޓުން ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ އެ ޕާޓީން ތަފާތު ސްޓޭޓުތަކަށް ހޮވާފައިވާ ޑެލިގޭޓުންނެވެ.
ޓްރަމްޕް އާ އެކު ޕާޓީގެ ޕްރައިމަރީގައި ވާދަކުރަމުންދާ އަނެއް ކެނޑިޑޭޓުން ޓެޑް ކްރޫޒް އާއި ޖޯން ކެސީކް ގުޅިގެން ބިލިއަނަރު ޑޮނާލްޑް ޓްރަމްޕާ ދެކޮޅަށް ސްޓްރެޓެޖީތައް އެކުލަވާލަން މަސައްކަތްކުރާނެ ކަމަށް މިހާރުވަނީ އިއުލާނުކޮށްފަ އެވެ. އެކަމަށް ރައްދު ދެމުން ޓްރަމްޕް ވިދާޅުވީ އެދެ ކެނޑިޑޭޓުން އެ މަސައްކަތް ކުރަނީ ޓްރަމްޕަށްވުރެ ކުރި ނުހޯދިގެން ކަމަށެވެ.