ޓެކްނޯލޮޖީ

ސެމްސަންގެ ގިޔާ 360 މާދަމާ ބާޒާރަށް

މަޝްހޫރު ސްމާޓްފޯން ކުންފުނި ސެމްސަންގް ގެ ސެމްސަންގް ގިޔާ 360 މާދަމާ ބާޒާރަށް ނެރެން ނިންމައިފި އެވެ.

މިއީ 360 ވީޑިޔޯ އަދި ފޮޓޯ ނެގުމަށް ހާއްސަކޮށްފައިވާ އުފެއްދުމެކެވެ. މި އުފެއްދުން އެންމެ ފުރަތަމަ ނެރެން ހަމަޖެހިފައި އޮތީ ކޮރެއާ އަދި ސިންގަޕޫރަށެވެ. ސެމްސަންގުން އިއްޔެ ސެން ފްރެންސިސްކޯ ގައި ބޭއްވި ބައްދަލުވުމެއްގައި މިކަން ވަނީ ޔަގީން ކޮށްދީފައެވެ. މި އުފެއްދުން ވިއްކާނެ ކަމަށް ބުނަނީ 399 ޑޮލަރަށެވެ. ނަމަވެސް ސެމްސަންގުން މިކަން މުޅިން ޔަގީން ކޮށްދީފައެއް ނުވެއެވެ.

މި އުފެއްދުމަކީ 1920-3840 ގެ ރިޒޮލިއުޝަނެއްގެ ކެމެރާއެކެވެ. މިއީ އާންމު ގޮތެއްގައި 4K ވީޑިއޯތަކުގެ ފުޅާ މިން ރިޒޮލިއުޝަނެއްކަން ފާހަގަ ކޮށްލެވެއެވެ. މީގި އިތުރުން މީގައި 30 އެމްޕީ ނުވަތަ މެގަ ޕިކްސެލް ހުއްނާނެ އެވެ. މި އުފެއްދުމުގެ ދެ ފަރާތުގައި ވެސް ކެމެރާ ހުއްނާނެ އެވެ. ދެ ފަރާތުގައި ކެމެރާ ހުރި ކަމުގައިވީ ނަމަވެސް މި ދެ ކެމެރާގައި ވެސް ރިޒޮލިއުޝަނާއި ޕިކްސެލް ގައި އެއްވެސް ތަފާތެއް ނޫޅޭނެވެ. މިއީ ޓްރައިޕޮޑްއަކާވެސް ގުޅާލެވިދާނެ އުފެއްދުމެއްކަން ފާހަގަކޮއްލެވެއެވެ. އޭގެ އިތުރުން މި ގިޔާ އަށް ކާޑް ވެސް ލެއްވޭނެއެވެ.

ގިނަ ބަޔަކު އުންމީދުކުރާ ގޮތުގައި މި އުފެއްދުން ވެގެން ދާނީ ޑީޖޭއައި އޮސްމޯއަށް ވުރެ މޮޅު އަދި ކުޅަދާނަ ޑިވައިސް އަކަށެވެ. ޑީޖޭއައި އޮސްމޯއަކީ ވެސް 360 ވީޑިޔޯ އަދި ފޮޓޯ ނެގުމަށްޓަކައި އޭރިޔަލް ފޮޓޯގްރަފީ ޑިވައިސް ތަށް އުފައްދާ ޑިޖޭއައި ކުންފުނިން ވޭތުވެދިޔަ އަހަރު ނެރުނު އުފެއްދުމެކެވެ. މި އުފެދުން ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ކަމުދިޔަ އުފެއްދުމަކަށެވެ.