ދުނިޔެ

ހަނގުރާމައިގެ ޖަރީމާ ހިންގިކަން ސާބިއާ އާއި ކްރޮއޭޝިއާގެ މައްޗަށް ސާބިތެއް ނުވި

މީގެ އެތައް އަހަރެއް ކުރިން 1991 ވަނަ އަހަރު ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާ ހިންގި ކަން ސާބިއާ އާއި ކްރޮއޭޝިއާގެ މައްޗަށް ސާބިތުނުވާ ކަމަށް އދ. ގެ އެންމެ މަތީ ކޯޓު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އިން މިއަދު ނިންމައިފި އެވެ.

އައިސީޖޭއިން އެގޮތަށް ނިންމީ 1991 ވަނަ އަހަރާއި 1995 ވަނަ އަހަރު ހިނގި ހަނގުރާމައިގެން އެ ދެ ގައުމުން ވެސް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ބުނެ އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް އުފުލި ދައުވާތައް ބެލުމަށް ފަހު މިއަދު އިއްވި ހުކުމުގަ އެވެ. ސާބިއާއާ ދެކޮޅަށް އެ މައްސަލަ އެންމެ ފުރަތަމަ އެ ކޯޓަށް ހުށަހެޅީ ކްރޮއޭޝިއާއިންނެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ސާބިއާއިން ވެސް ވަނީ ކްރޮއޭޝިއާއާ ދެކޮޅަށް އެފަދަ މައްސަލައެއް ހުށަހަޅައިފަ އެވެ.

މީގެ އަހަރުތަކެއް ކުރިން ހުށަހެޅި އެ މައްސަލަތައް ބެލުމަށް ފަހު އައިސީޖޭއިން މިއަދު ނިންމީ އެ ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން އެ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާފައިވާ ކަން އަނެއް ގައުމަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

އެ ދެ ގައުމުގެ ދެމެދުގައި ހިންގި އެ ހަނގުރާމާގައި 20،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.