ރޭގެ ވަގުތެެއްގައި "ހަވީރު"ގެ އިދާރާގެ ރިސެޕްޝަނުގައި ރޯކޮށްލި މީހާ އަދި ހައްޔަރުނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ. ރޭ ދެގަޑި ބައި އެހާކަށްހާއިރު އެތަނުގައި ރޯކޮށްލި އަލިފާންގަނޑު ފެތުރިގެން ނުދަނީސް ވަނީ ނިއްވާލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަމީނީ މަގުގައި ހުންނަ ހަވީރު އިދާރާގައި ރޯކޮށްލުމަށްފަހު ފިލި މީހާ އަދި ހައްޔަރު ނުކުރެވޭ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ހަވީރު ރިސެޕްޝަން އޭރިއާ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެތަނުގައި ރޯކޮށްލި މީހާ ފިލަން ދުވި މަންޒަރު ރޭ ބައެއް މީހުންނަށް ފެނިފައިވެ އެވެ. މި ހަމަލާއެއް ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހާ ގެންގުޅުނު ދަބަހަކާއި ތޮއްޕެއް އެ ސަރަހައްދުން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
އެތަނުގައި ރޯކޮށްލި އިރު ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލައެއްގައި އެއްގަލަކަށް ނޭރި ހަވީރުގެ މަސައްކަތްތައް ހުއްޓާލާފައި އޮންނަތާ މިހާރު މި ވަނީ މަސްދުވަސް ފާއިތުވެފަ އެވެ. ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓްގައި ދަނީ ކުރިއަށެވެ.
ރޭގެ ހާދިސާއާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާ ވިދާޅުވެފައިވަނީ ހަވީރު އިދާރާގައި ރޯކޮށްލީ އޮޑިޓަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހައިކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކޮށް، އެ ތިން ބޭފުޅުންނަށް ހަވީރު ލިބުނު ފައިދާއިން މިލްކުވާ ހިއްސާ ކަނޑައެޅުމަށް އޮޑިޓެއް ކުރުމަށް ސިވިލް ކޯޓުން ވަނީ އަންގާފަ އެވެ. ތިން ހިއްސާދާރުންނާއި ހަވީރުގެ މަސްއޫލުވެރިޔާ މުހައްމަދު ޒާހިރު ހުސެއިން އެއްބަސްވާ އޮޑިޓް ފާމަކުން އޮޑިޓްކުރުމަށް ވެސް ކޯޓުން އެންގި އެވެ. އެ ހަތަރު ބޭފުޅުންގެ އެއްބަސްވުމާއެކު އޮޑިޓްކުރަން ހަވާލުކޮށްފައިވަނީ އާންސްޓް އެންޑް ޔަންގް ކުންފުންޏާ އެވެ.