ގއ. ވިލިނގިލީގައި ހުންނަ ޕޮލިޓެކްނިކްގެ ކެމްޕަހުގައި ވަރަށް އަވަހަށް ޑިގްރީ ކޯސްތައް ފަށަން އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެ ކެމްޕަހުގައި މިހާރު އޮންނަނީ ޑިގްރީ ފެންވަރުން ދަށުގެ ކޯސްތަކެވެ. ވިލިނގިލީ ކެމްޕަހަކީ އަތޮޅުތަކުގައި ތިބި ޒުވާނުންނަށް އެކިއެކި ހުނަރު ދަސްކޮށްދޭ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތައް ހިންގުމަށްޓަކައި މާލެ ފިޔަވާ ރާއްޖޭގެ ހަ ސަރަޙައްދެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުން ގާއިމް ކުރި ހަތަރު ވަނަ ކެމްޕަހެވެ.
އެ ކެމްޕަސް ރަސްމީކޮށް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވިލިނގިލީ ކެމްޕަހުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި ވިލިނގިއްޔަށް ނޫން ކަމަށާއި މި ކެމްޕަހަކީ މި ސަރަހައްދުގެ އެހެން ރަށްރަށުގަ އާއި ކައިރި އަތޮޅުތަކުގައި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދީ ތަރައްޤީކޮށްދޭނެ ކެމްޕަހެއް ކަމަށެވެ.
ޕޮލިޓެކްނިކް ވިލިނގިލީ ކެމްޕަހަކީ، މިވަގުތު، މާލެ ފިޔަވާ އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ދާ ކެމްޕަހެވެ. މިހާރުވެސް ކެމްޕަހުގެ ފަރާތުން އަންނަ ޖޫން މަހު ފަށަން ހަމަޖެހިފައިވާ އާ ކޯސްތަކަކަށް ކުރިމަތިލުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މި ކެމްޕަހުގައި މިހާރު 108 ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.