ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކްގެ ގއ. ވިލިނގިލި ކެމްޕަސްގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
ޕޮލިޓެކްނިކުން ބުނީ މިފަހުން ގއ. ވިލިނގިލި އަދި ގދ. ގައްދޫގައި ހުންނަ އެ ކޮލެޖުގެ ކެމްޕަސްތަކަށް ޒިޔާރަތްކުރުމުގެ ތެރެއިން ގއ. ވިލިނގިލި ކައުންސިލާއި ރަށުގެ ރައްޔިތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިފައި ކަމަށެވެ.
ކޯސްތައް ފެށުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށްވެސް ބުންޏެވެ.
ޒޫޝާން ވިދާޅުވީ ނެތެމުންދާ ފަންނުތައް ދިރުވާ އާލާކުރުމަކީ ޕޮލިޓެކްނިކްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ދިވެހި ބޭސްވެރިކަމަކީ ނެތިގޮސްދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށެވެ.
ޒޫޝާން ވިދާޅުވީ ކުރެއްވި ދަތުރުގެ ތެރެއިން ދިވެހި ބޭސްވެރިކަމުގެ ފަންނުވެރިންނާ ދިމާވެ، އެ ދާއިރާއިން ކޯސްތައް ފެށުމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
"އެހެންވެ އަންނަ އަހަރު ގއ. ވިލިނގިލި ކެމްޕަސްގައި އެ ކޯސްތައް ފެށުމަށް މިހާރު މިދަނީ މަސައްކަތްތަކެއް ކުރެވެމުން. ޕޮލިޓެކްނިކްގައި މުޅިން އާ ފަސް ކޯހެއްވެސް ތައާރަފްކުރުމަށް ނިންމާފައިވޭ،" ޒޫޝާން ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކުން ރަށްރަށުގައި މީހުން ތަމްރީން ވާން އެދޭ ދާއިރާތައް އަދި ރާއްޖެއަށް އިންސާނީ ވަސީލަތް ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ޒޫޝާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދަތުރުތަކުގެ ސަބަބުން އާ ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް ވަރަށް ބޮޑަށް ފަަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.