ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

"ތައުލީމާއި ހުނަރު ދަސްވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ"

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން އިން، ސްކިލްސް ފޯ އަ ރެޒީލިއަންޓް ވާކްފޯސްގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކް ގައި ހިންގާ ކޯސްތަކުން ދަރިވަރުންނަކީ ޒިންމާދާރު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ވަރުގެ ފުރުސަތު ފަހިވެފައިވާ ބަޔަކަށް ވެގެން ދާނެ ކަމަށް ހަޔާ އެޑިއުކެޝަންގެ މިނިސްޓަރު އިބުރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕޮލީޓެކްނީކްގެ ބައެއް ކޯސްތައް ފެށުމަށް މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮގުރާމުތަކުން ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްވުމުގެ އިތުރުން ވަޒީފާގެ ކަށަވަރުވެގެން ދާނެކަމަށެވެ.

ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން ކޮވިޑުގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސޯދު އަލުން ފެށުމަށް ތައްޔާރުވާން ފަށާއިރު އެކި ސިނާއަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފެށިފައިވާ ހާއްސަ ޕްރޮގްރާމެއެކެވެ.

އެ ޕްރޮގުރާމުގެ ދަށުން ދިވެހި ޒުވާނުންނަކީ، ވަޒީފާއަކަށް ބޭނުންވާ ހުނަރު ތަކާއި އެކު، ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެއްޓުމަށް ބޭނުންވާ ހުނަރުވެރި، ގާބިލު، އުފެންދުންތެރި، އަދި ޒިންމާދާރު ދިވެހި ރައްޔިތަކަށް ހެދުމަށް މަގުފަހި ކޮށްދޭނެ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާބާޒާރަށް ނެރުމާއި، އިގްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެން ދާނެއެވެ. އެ ޕްރޮގްރާމުގެ ދަށުން ހިންގޭނީ ގައުމީ ސަނަދުގެ ލެވެލް ތިނެއް ގެ ފެންވަރުގެ ކޯސްތަކެވެ. ތަމްރީނު ކުރުމަށް ކަނޑައެޅިފައިވާ އަދަދަކީ އަހަރަކު 1200 ދިވެހި ޒުވަނުންނެވެ. އެއީ ޓުއަރިޒަމް ދާއިރާއިން 600 ޒުވާނުންނާއި، އައިސީޓީ ދާއިރާއިން 200 ޒުވާނުންގެ އިތުރުން ޓުއަރިޒަމް ދާއިރާ އާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުންނެވެ.