ސިއްހަތު

ކަށި ފީވާ މިންވަރު ދެނެގަންނަ ޓެސްޓު އޭޑީކޭގައި އަލުން ހަދައިދޭން ފަށައިފި

ޑެކްސާ ސްކޭން ބޯން ޑެންސިޓޮމެޓްރީ ނުވަތަ ކަށި ފީވާ މިންވަރު ދެނެގަންނަ ޓެސްޓެގެ ހިދުމަތް މެދުކެނޑުމަކަށްފަހު އަލުން އޭޑީކޭގައި ފަށައިފި އެވެ. ބޯންސިޑޯމެންޓްރީގެ ހިދުމަތް އަލުން ފައްޓަވައިދެއްވީ ހެލްތު މިނިސްޓްރީގެ ނައިބު ހުސެން ރަޝީދެވެ.

މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓާ އަހްމަދު އައްފާލް ވިދާޅުވީ އަހަރުތަކެއް ކުރިން މިހިދުމަތް ދިން ނަމަވެސް މެދުކެނޑުނީ ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން ކަމަށެވެ.

"އަނެއްކާވެސް އަލުން ތައްޔާރުވެގެން އާ މެޝިނެއް ގެނެސްގެން މިހިދުމަތް އަލުން މި ފެށީ،" އައްފާލް ވިދާޅުވި އެވެ.

އައްފާލް އިތުރަށް ވިދާޅުވީ ހޯމަދުވަހުން ފެށިގެން މި ޓެސްޓު ހެދުމަށް އޭޑީކޭއިން އެޕޮއިންޓެމެންޓް ހެއްދޭނެ ކަމަށާއި މަހެއްގެ މައްޗަށް 100 އެއްހާ މީހުން ހިދުމަތް ލިބިގަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބޯންސިޑޯމެންޓްރީ އަކީ އެކްސްރޭ ބޭނުންކޮށްގެން ކަށިފީވެފައިވާ މިންވަރު ދެނެގަންނަ ޓެސްޓެއް ކަމަށް ކަށީގެ ޑޮކްޓަރު، ޑރ. އަހްމަދު ތައުމީން ވިދާޅުވި އެވެ. ތައުމީން ވިދާޅުވީ ބޯންސިޑޮމެންޓްރީ އަދި އެހެން ބައެއް ޓެސްޓްތަކުންވެސް ކަށި ފީވެފައިވާ މިންވަރު ދެނެގަނެވޭނެ ކަމަށެވެ.

ކަށީގެ ބާރު ދެރަވެ ނުވަތަ ކަށި އާންމުކޮށް ފީވަނީ އޮސްޓިއޮޕޮރިސިސް ޖެހުމުގެ ފުރުސަތު ބޮޑު މީހުންނަށާއި، ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނަށް އަދި ކަށިގަނޑެއް ބިނދި ގެއްލުން ލިބިފައިވާ މީހުންނަށް ކަމަށް ތައުމީން ވިދާޅުވި އެވެ. އަދި މި ނޫނަސް ކަށި ފީވަން މެދުވެރިވާ ސަބަބުތައް އެބަހުރި ކަމަށް ތައުމީން ވިދާޅުވި އެވެ.