ނަފުސާނީ ބައްޔަކީ ބްލަޑް ޓެސްޓަކުން ނޫން ނަމަ ބޮޑީ ފްލުއިޑްސް ޓެސްޓްކޮށް ދެނެގަނެވިދާނެ މައްސަލައެއް ނޫނެވެ. ނަފުސާނީ ބައްޔެއް މީހެއްގެ ކިބައިގައި ހުރިކަން ދެނެގަންނަނީ ތަޖުރިބާކާރު ސައިކެޓްރިސްޓުންނާއި ކްލިނިކަލް ސައިކޮލޮޖިސްޓުން ވަކި މުއްދަތަކަށް ކުރިއަށް ގެންދާ ތަހުލީލުތަކަކަށް ފަހު އެވެ.
އެންމެ އާންމު މައްސަލައަކީ ޑިޕްރެޝަން އާއި އެންޒައެޓީގެ މައްސަލަ އެވެ. ނަފުސާނީ ބަލިތަކަށް ބަލާއިރު އެންމެ ފަސޭހައިން ދެނެގަނެވޭ ދެ މައްސަލައަކީ ވެސް މިއީ އެވެ.
ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ނަފުސާނީ މައްސަލަ އެބައޮތެވެ. ނަފުސާނީ އަދި ޖަޒުބާތީ މައްސަލަ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެބައޮތެވެ. އޭގެ އަސަރު އަހަރެމެންގެ ވިސްނުމަށާއި އިހްސާސަށް އަދި އަމަލުތަކަށް މިދަނީ ކުރަމުންނެވެ.
ތިރީގައި މި ބަލައިލަނީ ނަފުސާނީ ތަފާތު ބައެއް މައްސަލަތަކަށާއި ބަލިތަކަށެވެ.
ރުޅި
މިއީ އަނިޔާ އާއި ކެއްސާއި ހިތްހަމަނުޖެހުން އަދި ނުހައްގު އަމަލަކާ ދެކޮޅަށް ދެވޭ ގުދުރަތީ ރައްދެކެވެ. ކޮންމެ މީހަކީ ވެސް ބައެއް ފަހަރަށް ނުވަތަ ބައެއް ހާލަތްތަކުގައި ރުޅިގަދަވެފައިވާ މީހުންނެވެ. އިންސާނަކު އިންސާނަކަށް ވުމުގައި ރުޅިވެރިކަން ވެސް ކޮންމެ ވެސް ވަރެއްގެ ރޯލެއް އަދާކުރެ އެވެ.
އަނެއްކޮޅުން ރުޅިއަކީ ހުރިހާ ވަގުތެއްގައި އެހާ ގޯސް އިހްސާސެއް ވެސް ނޫނެވެ. ބައެއް ފަހަރަށް އޭގެ ފައިދާ ވެސް ކުރެ އެވެ. މިސާލަކަށް ކަމަކާ ރުޅިގަދަވުމަކީ އަސްލު މައްސަލަ އަށް ވާސިލުވާން ފަސޭހަކޮށްދޭ ކަމެކެވެ. ބަދަލަށް މަސައްކަތްކުރުމަށް ހިތްވަރު ވެސް ލިބެ އެވެ. ނުރައްކާތެރި ހާލަތްތަކުގައި އަމިއްލަ ފުރާނަ އާއި މީހުންގެ ފުރާނަ ވެސް ސަލާމަތްކުރުމުގެ ހިތްވަރާއި ހަކަތަ ލިބެ އެވެ.
އެހެންވީމަ، ރުޅި، މައްސަލައަކަށްވާ ހިސާބަކީ ކޮބައި ހެއްޔެވެ؟
ރުޅިއަރައިގެން ގޮސް އަމިއްލަ ނަފުސަށާއި ވަށައިގެން ތިބޭ މީހުންނަށް އެ ރުޅި ބާލާ ހިސާބެވެ. ރުޅި، ގޯސްވެގެން އަންނަ ހިސާބަކީ ރުޅިގަނޑު ބާލާނެ ގޮތް ނޭނގޭ ހިސާބެވެ. ރުޅި ބޭރުކޮށްލަން ނޭނގުން މައްސަލައަކަށްވެއްޖެ ނަމަ އޭގެ ނޭދެވޭ އެތައް އަސަރެއް އެތައް ބަޔަކަށް ކޮށްފާނެ އެވެ.
މިސާލަކަަށް:
- ރުޅިއައިސްގެން އަޑުގަދަކޮށް އަވަގުރާނަ ގޮވުން
- ބާރަށް ދޮރު ފަތް ޖަހައި ލުހެލައި ތަކެއްޗަށް ގެއްލުންދީ ހަލާކުކުރުން
- މީހުންނަށް ބިރު ދައްކާ ހިސާބަށް ރުޅިގަދަވުން
- އަމިއްލަ ނަފުސު ދެކެ ރުޅިގަދަވެ ނުކައި ނުބޮއެ ހުރުން
- އަމިއްލަ ނަފުސަށް އަނިޔާކޮށް ގައިގައި ކަޓަރު އެޅުން ފަދަ ކަންތައް ކުރުން
- ރުޅިއައިސްގެން މީހުންނާ ވާހަކަ ނުދައްކައި ހުރުން
- ކަންކަމަށް ފަރުވާކުޑަކޮށް ޖެއްސުމަށް ކަންކަންކުރުން
މި ރޭޓުން ދާ ނަމަ ރުޅި ބަދަލުވެގެންދާނީ އެންމެފަހުން ނަފުސާނީ ބައްޔަކަށެވެ. ހަގީގަތުގައި ރުޅި އަކީ ނަފުސާނީ ބައްޔެއް ނޫނެވެ. އެކަމަކު މީހެއްގެ ކިބައިގައި ނަފުސާނީ ބަލިކަމެއް އުފެއްދުމަށް ބޭނުންވާ ނިކަން މުހިންމު ކާނާއެކެވެ. ޑިޕްރެޝަން، އެންޒައެޓީ، އީޓިން ޕްރޮބްލެމްސް އަދި އަމިއްލަ ނަފުސަށް އަނިޔާކުރުން ފަދަ ނުރައްކާތެރި މައްސަލަތަކަށް ރުޅީގެ ސަބަބުން ދޮރު ހުޅުވިދާނެ އެވެ. އަމިއްލަ ނަފުސު ދެކެ ރުޅިގަދަވުމަކީ ފުރާނައިގެ އަގު ވެސް އޮޅިދާނޭ ވަރުގެ ކަމެކެވެ.
ޑިޕްރެޝަން އަކީ ކޮބާ؟
އާންމުކޮށް ކަމަކާ ދެރަވެގެން އުޅޭއިރު ނުވަތަ ދިރިއުޅުމުގައި ދިމާވާ ކަމަކާ ގުޅިގެން މާޔޫސްވާ ފަހަރުތަކަކީ އެންމެ ގިނައިން "ޑިޕްރެޝަން" ގެ ވާހަކަ ދެކެވޭ ފަހަރުތަކެވެ. "ވަރަށް ޑިޕްރެސްޑް" ވެފައޭ މިހުރީ ބުނެވެނީ އާންމުކޮށް މިފަދަ ހާލަތްތަކުގަ އެވެ. އެކަމަކު ޑިޕްރެޝަންގެ މެޑިކަލް ޓާމް މިއީ ވަރަށް ތަފާތެވެ.
މެޑިކަލް ވިސްނުމުގައި ނަމަ ޑިޕްރެޝަން އަކީ، ދިރިއުޅުމުގައި ދިމާވާ ނުވަތަ ހަޔާތުގައި ދިމާވާ ކަމެއް ނުވަތަ އިހްސާސްތަކެއް ތިމާއާ ދުރަށް ނުގޮސް ގައިގައި ކަސްތޮޅުއެޅިގެން އޮތުމެވެ. ނުވަތަ އެ ކަމަކުން ނުވަތަ އިހްސާސްތަކަކުން ސަލާމަތްވިޔަސް ދުވަސްގަނޑެއްފަހުން އަނެއްކާވެސް އެ ޖަޒުބާތުތަކަކުން ބަނދެވިގެން ދިއުމެވެ.
ޑިޕްރެޝަންގެ އަނެއް މާނަ އަކީ ހިތްވަރު ބަލިވުމޭ ނުވަތަ ހިތްވަރު ނެތުމޭ ވެސް ބުނެވިދާނެ އެވެ. އާންމު ދިރިއުޅުމަށް އުނދަގޫވަނީ އެވެ. ކޮންމެ ކަމެއް އުނދަގޫ ކަމަކަށް ނުވަތަ ބޭކާރު ކަމަކަށް ބަދަލުވަނީ އެވެ.
ޑިޕްރެޝަންގެ އެންމެ ނުރައްކާތެރި ވައްތަރަކީ މޭޖާ ނުވަތަ ކްލިނިކަލް ޑިޕްރެޝަން އެވެ. އެއީ އަމިއްލަ އަށް މަރުވުމުގެ ހިޔާލުން ސިކުނޑި ތަޣައްޔަރުކޮށްލާ ހިސާބެވެ.
ޑިޕްރެޝަންގެ ވައްތަރުތަކުގެ ތެރެއިން:
- ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ: މިއީ ދުވަހުގެ ދިގު މިނާ ގުޅިފައިވާ ސީޒަނަލް ޑިޕްރެޝަންގެ ވައްތަރެކެވެ.
- ޕޯސްޓްނޭޓަލް ޑިޕްރެޝަން: މިއީ ވިހެއުމަށް ފަހު މަންމައިންނަށް ދިމާވާ މައްސަލައެކެވެ.
- ބައިޕޯލާ ޑިސްއޯޑާ: މިއީ މޫޑް ސްވިންގްސް އާއި އޯވާ އެކްސައިޓްމެންޓާ ގުޅިފައިވާ ވައްތަރެކެވެ.
އެންޒައެޓީ އަކީ ކޮބާ؟
އެންޒައެޓީ އަކީ ކަންބޮޑުވުމާއި ބިރުގަތުން އަދި ހިތްހަމަނުޖެހުން މާނަކޮށްދޭ ބަހެެކެވެ. ކަމަކާ މެދު ކަންބޮޑުވެ ހާސްވެފައި ހުންނައިރު އުފެދޭ ޖަޒުބާތުތަކަކީ އެއީ އެވެ. މިއީ އަހަރެމެން އެންމެން ވެސް ވަރަށް ގިނައިން ތަޖުރިބާކުރާ އިހްސާސެކެވެ.
މިސާލަކަށް:
- އިމްތިހާނެއްގައި އިށީނދެ އިންނައިރު
- ހޮސްޕިޓަލަށް ގެންދާއިރު
- އިންޓަވިއުއަކަށް ގޮސް އިންނައިރު
- އާ ވަޒީފާއަކަށް ނުކުންނަ ފުރަތަމަ ދުވަހު
- ދަރިއަކު ލިބޭ ދުވަސް
- ބައްޔަކަށް ޑައިގްނޯސްކުރުން
- ކައިވެނިކުރުން ނުވަތަ ވަރިވުން
މިފަދަ ހާލަތްތަކުގައި ކަންބޮޑުވެ ހާސްވުމަކީ އާންމުކަމެކެވެ. އަދި ވެދާނެ ކަމެކެވެ. ބައެއް ހާލަތްތަކުގައި ނިދަން އުނދަގޫވެ ނުކެވި ކަންކަމަށް ސަމާލުކަން ނުދެވި ދެވޭ ފަހަރު ވެސް ދެ އެވެ.
އެހެންވީމަ ނަފުސާނީ މައްސަލައަކަށް އެންޒައެޓީ ބަދަލުކޮށްލާ ހިސާބަކީ ކޮބައި ހެއްޔެވެ؟
މި ޖަވާބު ހޯދަން އެހާ ފަސޭހަ ސުވާލެއް ނޫނެވެ. ސަބަބަކީ ދިރިއުޅުމުގެ ވަރަށް އާންމު އިހްސާސަކަށް މިކަން ވެފައި އޮތުމެވެ. އެހެންވީމަ، ގޯސްވާ ހިސާބަކީ ކޮބައިކަން ބުނެދޭން އުނދަގޫވެ އެވެ. ނަމަވެސް އެންޒައެޓީގެ އިހްސާސްތަކުގައި ބައްދައިގެން އޮންނަ އޮތުން ގިނަ އިރުތަކަކަށް ދެމިގެން ދަނީ ނަމަ އެ މައްސަލަ ބޮޑުވަނީ އެވެ.
މިސާލަކަށް:
- ކަންބޮޑުވާތީ ކަންބޮޑުވުން: އަބަދު ކަމަކާ ކަންބޮޑުވެފައި ހުރުން. އާންމު ދިރިއުޅުމުގެ ކަންކަމާ ނުވަތަ ނުވެސް ހިނގާފާނެ ކަމަކާ މެދުގައި ކަންބޮޑުވުން
- ކަންބޮޑުވެ، ޖިސްމާނީ އަދި ނަފުސާނީ އުނދަގޫވުން: ޕެނިކް އެޓޭކެއް ކުރިމަތިވުން
މިސާލަކަަށް ގެއިން ބޭރަށް ނުކުންނަން ބިރުގަތުމަކީ ވެސް އެންޒައެޓީގެ ސީރިއަސް މައްސަލައެކެވެ. މީހަކު ނުވަތަ ބަޔަކު ތިމަންނަ އަށް ފާރަލާހެން ހީވުމާއި ބަޔަކު މީހުން ތިމަންނަ ޖަޖުކޮށްފާނެ ގޮތަކާ މެދު ވިސްނި ބިރުގަތުމަކީ ވެސް ނަފުސާނީ ބަލީގެ ސީރިއަސް މައްސަލައެކެވެ.
--ރިފަރެންސް: މައިންޑް ޗެރިޓީ (ޔޫކޭ)