ހަބަރު

ބަންގްލަދޭސް އިން އަސްކަރީ ވެހިކަލްތަކެއް ސިފައިންނަށް ހަދިޔާކޮށްފި

May 3, 2016

ބަންގްލަދޭޝް ސަރުކާރުން ދިވެހި ސިފައިންނަށް އަސްކަރީ ވެހިކަލްތަކެއް ހަދިޔާކޮށްފި އެވެ.

މިއަދު މެންދުރު ފަހު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އުޅަނދުތައް އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސްގެ ދައުވަަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބަންގްލަދޭޝް ސިފައިންގެ ޗީފް، ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ސައްބީރު އަހުމަދެވެ. މި އަސްކަރީ އުޅަނދުތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ.

ބަންގްލަދޭޝްގެ ސަރުކާރުން މިއަދު އެމްއެންޑީއެފަށް މި ހަވާލުކުރި އެއްގަމު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ އަސްކަރިއްޔާއަށް ހާއްސަ ކުރެވިފައިވާ ޕިކަޕެއްގެ އިތުރުން ޖިޕެކެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް ބަންގްލަދޭޝްގެ ސަރުކާރަށާއި އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ހާއްސަކޮށް، ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް ކާޒީ ސަރްވާ ހުސައިން، ސިފައިންނަށް ވެދެއްވާ އެހީތަކަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ބަންގްލަދޭޝް ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ސައްބީރު އަހުމަދު ވިދާޅުވީ، މި ހަދިޔާކުރެވުނު އުޅަނދުތައް ރަމްޒުކޮށްދެނީ ދެގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ޒަމާންނުއްސުރެ އޮތް ގާތް އަހުވަންތަ ގުޅުންކަން ފާހަގަ ކުރައްވަމުން ކުރިއަށްއޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަދު މިޙަވާލު ކުރެވުނު އުޅަނދުތަކުގެ އިތުރުންް، މިދިޔަ ޖެނުއަރީ މަހު ބަންގަލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އަބޫ ބިލާލް މުހައްމަދު ޝާފިއުލް ހައްގު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް އެމްއެންޑީއެފަށް ވަނީ ހަތް އަސްކަރީ އުޅަނދު ހަދިޔާކޮށްފައެވެ. މި އަހަރުގެ ޖެނުއަރީ މަހު ހަދިޔާކުރި ހަތް އުޅަނދާއެކު ޖުމްލަ ނުވަ އެއްގަމު އުޅަނދު ބަންގްލަދޭޝް އަސްކަރިއްޔާއިން ވަނީ މިހާތަނަށް އެމްއެންޑީއެފަށް ހަދިޔާކޮށްފަ އެވެ.

އަސްކަރީ އުޅަނދުތައް ޙަވާލުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް ކާޒީ ސަރްވާ ޙުސައިން އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ސީނިއާ އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.