ހަބަރު

ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޒާހިރު ނަސީރަށް

May 4, 2016
1
  • އުންމީދީ ނޫސްވެރިއަކަށް ސަން މީޑިއާގެ ސާއިލް
  • އިތުރު ހަ ދާއިރާއަކުން ނޫސްވެރިންނަށް އެވޯޑް ދިން
  • ގިނަ އެވޯޑްތަކެއް ލިބުނީ "ހަވީރަ"ށް

މިދިޔަ އަހަރުން ފެށިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ފެށި، ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް، މިއަހަރު މާފަންނު ފެންފިޔާޒު ގޭ މުހައްމަދު ޒާހިރު ނަސީރަށް ދީފި އެވެ.

މީގެ ކުރިން އެ އެވޯޑް ލިބިވަޑައިގަތީ ހަވީރު ނޫހުގެ ޗެއާމަން އަދި އިސްލާމިކް ޔުނިވަސިޓީގެ ޗެއާމަން، ހ. ނީލްވިލާ އަހުމަދު ޒާހިރު ހުސެން އަށެވެ. ޒާހިރު ނަސީރު އާލާސްކަންފުޅާ އުޅުއްވާތީ، މީޑިއާ ކައުންސިލްގެ އެ އެވޯޑާ ހަވާލުވެ ވަޑައިގަތީ، ޒާހިރަށް ބޮޑުބޭބެ ވިދާޅުވާ، މުހައްމަދު ނާޝިދު އެވެ. ޒާހިރު ނަސީރާ އެ އެވޯޑް ހަވާލުކޮށްދެއްވީ ހަފްލާގެ ސަރަފުވެރި މެހެމާން ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރު އެވެ.

ޒާހިރު ނަސީރުގެ ނޫސްވެރިކަމުގެ ހިދުމަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ރާއްޖޭގައި އިނގިރޭސި ބަހުން ނެރުނު ނޫސް، މޯނިން ސަންގެ ބާނީ އަކީ ވެސް އޭނާ އެވެ. އަދި ކުޅިވަރަށް ހާއްސަކޮށް ނޫހެއް ނެރުއްވަން ފެއްޓެވީ ވެސް އޭނާ އެވެ. އޭނާގެ ނޫސްވެރިކަމުގެ ހަޔާތް ފެއްޓުނީ އަވަށްޓެރި، ސްރީލަންކާގައި ކިޔަވަން އުޅުއްވި ދުވަސްވަރު އެ ގައުމުގެ ނޫސްތަކަށް ލިޔުއްވުމުގެ ތެރެއިންނެވެ. ޒާހިރު ވަނީ ކުޅިވަރުގެ ދާއިރާ އިންނާއި އެހެނިހެން ވެސް ދާއިރާތަކުން ގިނަ ލިޔުންތަކެއް ލިޔުއްވައި ނޫސްތަކުގައި ޝާއިއު ކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ އަކީ ރާއްޖޭގެ ކުޅިވަރަށް އެންމެ ގިނަ ހިދުމަތެއް ކުރެއްވި އެއްބޭފުޅާ އެވެ. އެގޮތުން އޮލިމްޕިކް ކޮމިޓީގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވީ ވެސް އޭނާ އެވެ.

މިއަހަރު މީޑިއާ ކައުންސިލުން ހޮވި އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނީ ސަން އޮންލައިންގެ އަހުމަދު ސާއިލް އަލީ އަށެވެ. އަހަރުގެ އެންމެ މޮޅު ފޮޓޯ ޖާނަލިސްޓަކަށް ހޮވުނީ ހަވީރު އޮންލައިންގެ ނިޝާން އަލީ، ހަސޯ އެވެ. ކުޅިވަރުގެ ދާއިރާ އިން އެވޯޑް ލިބުނީ، ހަވީރު އޮންލައިންގެ އައްޒާމް އަލިފުޅަށެވެ. ކޯޓު ހަބަރުތައް ކަވަރު ކުރާ ނޫސްވެރިންގެ ތެރެއިން ނޫސްވެރިކަމުގެ އެވޯޑް ލިބުނީ، ހަވީރު ނޫހުގެ މުއިއްޒު އިބްރާހިމަށެވެ. ވިޔަފާރީގެ ދާއިރާގެ ނޫސްވެރިންގެ ތެރެއިން އެވޯޑް ލިބުނީ ހަވީރު ނޫހުގެ އާސިޔަތު މުހައްމަދު ސައީދަށެވެ. އިޖްތިމާއިން ދާއިރާ އިން ވީޓީވީގެ ސިފްޒާ މުސްތަފާ އެވޯޑް ގެންދިޔަ އިރު، ސިޔާސީ ދާއިރާގެ އެވޯޑް ލިބުނީ މީގެ ކުރިން ވެސް އެމްއެމްސީ އިން ދިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ލިބުނު، ހަވީރުގެ ފަޒީނާ އަހުމަދެވެ.

ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އިން އެވޯޑް ދީފައެއްނު އެވެ. ސަބަބަކީ އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައި ނެތުމެވެ. އެވޯޑް ލިބުނު ފަރާތްތަކަށް ބީއެމްއެލް އިން 20،000 ރުފިޔާ އަދި ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ 10،000 ރުފިޔާ ދީފަ އެވެ. ޖުމްލަ 30،000 ރުފިޔާ ދީފައިވެ އެވެ.

މިރޭގެ ހަފްލާގައި ނޫސްވެރިންގެ ހިތުގައި ހުރި ޝުއޫރުތައް ފާޅުކޮށް ވީޑިއޯ ކްލިޕްތަކެއް ދެއްކި އެވެ. އަދި ނޫސްވެރިންގެ ދުވަހާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ހިތޯބެއް އިއްވުން ވެސް އޮތެވެ.

މިރޭގެ ހަފްލާގައި ޝަރަފުވެރި މެހެމާން ސީނާ އަހުމަދު ޒާހިރު ވިދާޅުވީ ނޫސްވެރިކަމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި ނޫސްވެރިންނަށް އަބަދުވެސް ގޮންޖެހުންތައް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިން ވާން ޖެހޭނީ ހަގީގަތް ފޮރުވުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ވާހަކަތައް ގެނެސްދޭ ބަޔަކަށް ކަމަށް ވެސް އަހުމަދު ޒާހިރު ވިދާޅުވި އެވެ. ގޮންޖެހުންތައް އައި ނަމަވެސް ނޫސްވެރިން ސާބިތުވެ ތިބުމަށް ޒާހިރު ވަނީ ގޮވާލައްވައިފަ އެވެ.