ހަބަރު

ގަދަބާރުން ނޫސްވެރިން މައިތިރިއެއް ނުކުރެވޭނެ: ސީނާ ޒާހިރު

May 4, 2016
7

ހަރުކަށި އަދަބު ދީ ހަންމުށި އަޅައިގެން ނޫސްވެރިން މިހާރު މައިތިރި ނުކުރެވޭނެ ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޖާގަދީ އެކަކަން އިސްލާހުކޮށްގެން ކުރިއަށް ދިޔުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރު ގޮވާލައްވައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްއެމްސީ އިން މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސީނާ އަހުމަދު ޒާހިރު ވިދާޅުވީ އަބުރާ ބެހުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން ވަރަށް ހަނިގޮތަކުން ނަމަވެސް އަބުރާ ބެހުމުގެ ހުއްދަ އޮންނަ ދެ ބައިގެ ތެރެއިން އެއް ބަޔަކީ ނޫސްވެރިން ކަމަށެވެ. އަދި އެކަން ހުއްޓުވަން މިހާރު ހުށަހަޅައިގެން އުޅޭ ގާނޫނު ފާސްކުރާ އިރު ވެސް މަޖިލީހުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ޒާހިރު ވިދާޅުވި އެވެ. ޒާހިރު ވިދާޅުވި ގޮތުގައި، ނޫސްވެރިންކަން ހިމާޔަތް ނުވާ ގޮތަކަށް އެ ގާނޫނު ފާސްކުރެވިގެން ނުވާނެ އެވެ.

"މި ޖެހިގެން އުޅޭ މައްސަލައިގައި ވެސް ސަރުކާރާއި ނޫސްވެރިން އަދި މަޖިލީހުން ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހޭ. އެ ނޫން ގޮތަކަށް މައްސަލައެއް ހަލެއް ނުވާނެ. މަޖިލީހުން އެބަ ޖެހޭ ނޫސްވެރިން ގެނެސް އެ މީހުންގެ ވާހަކަތައް އަޑުއަހަން. މި އަބުރާ ބެހޭ މައްސަލައިގައި ރޮގު ދަމާލާ އިރު ނޫސްވެރިންކަން ހިމާޔަތްވާ ގޮތަށް އެކަން އެބަ ކުރަން ޖެހޭ،" ސީނާ އަހުމަދު ޒާހިރު ވިދާޅުވި އެވެ.

ސަރުކާރުގެ ގިނަ މަގާމުތައް ވެސް ފުރުއްވި ޒާހިރު ވިދާޅުވީ ގާނޫނު އަސާސީގައި ހައްގުތަކެއް ދީފައި އޮތް ނަމަވެސް އެ ހައްގުތައް ހޯދަން ދާނެ ތަނެއް މިހާރަކު ނެތެވެ. ޒާހިރު ވިދާޅުވީ އެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ މިނިވަން މުއައްސަސާތައް އޮތީ ނަމެއްގަ އެވެ. އޭނާ ވިދާޅުވީ ނޫސްވެރިކަން އޮތީ ވެސް ނާޒުގު ފައްތަރެއްގައި ކަން ފާހަގަ ކުރައްވަމުން ޒާހިރު ވިދާޅުވީ މިހާ ބޮޑަށް ކޮރަޕްޓްވެފައި އޮތްތަނެއްގައި ހަގީގަތް ހާމަ ކުރަން މަސައްކަތް ކުރަން ތިބި ބަޔަކީ ނޫސްވެރިން ކަމަށެވެ.

ބައެއް ކޯޓުތަކުން ނޫސްވެރިން ނުވައްދާ މައްސަލައިގައި ޒާހިރު ވިދާޅުވީ އެކަން ކުރަނީ ކޮން ގާނޫނީ ހުއްޖަތަކުންތޯ ޝަރުއީ ދާއިރާއާ ސުވާލު ކުރައްވައިފަ އެވެ. އަދި ޝަރުއީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އެދާއިރާ އިން ކަންކުރާ ގޮތާ މެދު މިހާރު ދެރަވެ ކަންބޮޑުވާ ކަމަށް ޒާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ވެސް އަދި މިހާރު ވެސް އޭރު ބުރަ މަސައްކަތުން ގެނައި ގާނޫނު އަސާސީއާ ދިމާ އިދިކޮޅަށް ކަންތައްތަކެއް ކުރާތަން ފެނުމުން އަސަރު ކުރާ ކަމަށެވެ.

"ޗީފް ޖަސްޓިސް ވެސް އިދާރީ ކަންކަމާ ނުބެހޭ ގޮތަށް އޮންނާނީ. އެ ނޫން ގޮތަކަށް އެކަން އޮތޭ ވިދާޅުވާ ބޭފުޅަކާ އަޅުގަނޑު ޗެލެންޖް ކުރަން. އެހެން ވީމާ ނޫންތޯ ޖުޑީޝަލް ސާވިސް ކޮމިޝަން އޮންނަނީ. އެކަމަކު އެހެންތޯ މި އަދު މި ވަނީ. މިހާ ދުވަހުން އަޅުގަނޑުމެން ކުރި މަސައްކަތް ބޭކާރުވެ ދާތީ އަޅުގަނޑު ދެރަވޭ،" ޒާހިރު ވިދާޅުވި އެވެ.