ހަބަރު

ފަރިވާގައި ގަސްތުގައި ރޯކޮށްލި ކަމަކަށް ނުބެލެވޭ: ފުލުހުން

މިިދިޔަ ޖެނުއަރީ މަހު 20 ގައި މާފަންނު ފާމްދޭރި ހިނގުމުގައި ގުލޯރިއާގޭގައި ހަދައި ހިންގަމުން އައި "ފަރިވާ" ފިހާރައިގައި އަލިފަން ރޯވީ ބަޔަކު ގަސްތުގައި ކުރިކަމަކުން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ އެހާދިސާ އަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާތީ އެމައްސަލަ، އިތުރު މައުލޫމާތެއް ލިބިއްޖެނަމަ ކުރިއަށް ގެންދާ ގޮތަށް ފައިލް ކޮށްފައިވާ ކަމަށެވެ.

އެ ފިހާރާގައި އަލިފާން ރޯވީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަަނަ ދުވަހުގެ ފަތިހު 4:30 އެހާކަންހާއިރު އެވެ. އަލިފާނުގެ އެ ހާދިސާއާއެކު ސިފައިން ހަރަކާތްތެރިވެ އަލިފާން ނިއްވާލި ނަމަވެސް ފިހާރައިގެ ބޮޑުބައެއް ވަނީ އެކީ އަނދައިގެން ގޮސްފައެވެ. ފިހާރައިގެ ތަކެތި އަނދައިގެން ދިޔައިރު ފިހާރައިގެ އިމާރާތަށް ވެސް ވަރަށް ބޮޑަށް ގެއްލުންލިބުނެވެ. އަދި އެ ފިހާރައާއި ވަށައިގެން ހުރި އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.