ހަބަރު

ވިލިމާލެ ހޮސްޕިޓަލުގެ ސެކިއުރިޓީ ބަލަހައްޓަން ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނަށް

ވިލިމާލެ ހޮސްޕިޓަލުގެ ސެކިއުރިޓީ ބަލަހައްޓަން ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންނާއި ހަވާލުކޮށްފި އެވެ. ވިލިމާލެ ހޮސްޕިޓަލު ބަލަހައްޓަން ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންނާ ހަވާލުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

ފުލުހުން ބުނީ އިންސްޓަލޭޝަން ސެކިއުރިޓީ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި ސްޕެޝަލް ކޮންސްޓެބެލަރީ ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ހިދުމަތް ފޯރުކޮށްދެމުންދާ ތަންތަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ވިލިމާލެ ހޮސްޕިޓަލުގެ ސެކިއުރިޓީ ދިނުމަށް ވިލިމާލެ ހޮސްޕިޓަލާއި ފުލުހުން ދެމެދު ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ.

މިހާރުވެސް އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައި ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންގެ ހިދުމަތް ދެމުންދެއެވެ. މީގެ އިތުރުން ބެންކް އޮފް މޯލްޑިވްސްގައި ވެސް ސެކިއުރިޓީ ބަލަހައްޓަނީ ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންނެވެ.