ހަބަރު

ހިންނަވަރު ހުރިހާ ކައުންސިލަރުން އޭސީސީއަށް ހާޒިރުވާން އަންގައިފި

ޅ. ހިންނަވަރު ހުރިހާ ކައުންސިލަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ. އެ ކައުންސިލުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. އެ ހަތް މެންބަރުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ.

އެ ކައުންސިލްގެ މެންބަރު އާދަމް ޔޫސުފް މިއަދު އަވަސްއަށް ވިދާޅުވީ، އޭސީސީއަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާ ކަމަށާއި ހަތް މެންބަރުންނަށް ވެސް ޗިޓް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ޗިޓާ އެއްވެސް މެންބެރަކު ހަވާލުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާދަމް ވިދާޅުވި ގޮތުގައި، ޗިޓާ ހަވާލުނުވީ، އެ ޗިޓްގައި ހާޒިރުކުރާ މައްސަލައެއް ބުނެފައިނުވާތީ އެވެ.

އޭސީސީއިން ކައުންސިލަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ ބަލަމުންދާ މައްސަލައެއްގައި ހަތް މެންބަރުން ވެސް އޭސީސީއަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. ދެ މެންބަރަކަށް މި މަހުގެ ނުވަވަނަ ދުވަހު ހާޒިރުވާން އަންގާފައިވާއިރު ބާކީ ތިބި ފަސް މެންބަރުންނަށް ހާޒިރުވާން އަންގާފައިވަނީ 10 ވަނަ ދުވަހު އެވެ.

ހިންނަވަރު ކައުންސިލްގައި ތިއްބަވާ މެންބަރުންނަކީ، އާދަމް ޔޫސުފާއި މުހައްމަދު ފީރޯޒާއި ޒިޔާދު އަހުމަދާއި ހާޝިމް އަލީ އާއި ފިރާޒު އިސްމާއީލާއި ރިސްވާން އާދަމްފުޅު އަދި އިބްރާހީމް ގާސިމެވެ.

އޭސީސީއަށް ގުޅާލުމުން ބުނީ، ތަހުގީގު ކުރާ މައްސަލައަކާ ގުޅޭ މައުލޫމާތު އާންމު ނުކުރާނެ ކަމަށެވެ.