ޑޮނަލްޑް ޓްރަމްޕް

މުއްސަނދިން އަތުން ޓެކްސް ނަގާނީ ބޮޑުކޮށް: ޓްރަމްޕް

ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕްރައިމަރީގައި ވާދަކުރަމުން މިހާރުފާ ހަމައެކަނި ކެނޑިޑޭޓް ޑޮނާލްޑް ޓްރަމްޕް ޓެކްސް ނެގުމާއި ބެހޭގޮތުން ދެއްކެވި ވާހަކަތައް ބަދަލުކުރައްވައިފި އެވެ.

"އަސްލު އަޅުގަނޑުގެ ޕްލޭންގައިވާ ގޮތުން ޓެކްސް ނަގާނީ ކުޑަކޮށް، އެކަމަކު މިހާރު މަޝްވަރާކުރުމަށްފަހު މި ނިންމީ ޓެކްސް ބޮޑު ކުރަން." ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާ ޓެކްސް ކުޑަކޮށް ކުރިއަރުވަން މަސައްކަތްކުރާނެ ކަމަށެވެ. އަދި މުއްސަނދިންނަށް މާ ބޮޑު އެހީތެރިކަމެއް ނުލިބޭނެ ކަމަށެވެ.

މިނިމަމް ވޭޖާ ބެހޭގޮތުންވެސް ޓްރަމްޕް ދެއްކެވި ވާހަކަތައް މިހާރުވަނީ ބަދަލުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ އޭނަ ބޭނުން ވީމަ އަބަދުވެސް ބަދަަލުކުރެވޭނެ ކަމަށެވެ.

" އަދި އަދަދު ތަކަކަށް އަހަރެން ބަދަލެއް ނުގެންނަން. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި މިހާރަށްވުރެ ބޮޑު އާމްދަނީއެއް ރައްޔިތުންނަށް ލިބެން ޖެހޭނެ"

ރިޕަބްލިކަން ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުން މިހާރުވަނީ އިންތިހާބުން ވަަކިވެ ޓްރަމްޕަށް ފުރުސަތު ބޮޑުކޮށްދީފަ އެވެ. ނަމަވެސް ރިޕަބްލިކަންގެ އިސް ބަޔަކުވެސް ވަނީ ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ބުނެފަ އެވެ.

ޕާޓީގެ ކެނޑިޑޭޓަކަށް ވާން ހަމަވާންޖެހޭ ޑެލިގޭޓުންގެ ވޯޓް އަދި ޓްރަމްޕް އަކަށް ހަމައެއް ނުވެ އެވެ. ޓްރަމްޕަށް މިހާތަނަށް ލިބިފައިވަނީ 1،047 ޑެލެގޭޓުންގެ ވޯޓެވެ. އެޕާޓީގެ ކެންޑިޑޭޓަށްވާން 1،237 ޑެލިގޭޓުންގެ ވޯޓު ލިބެން ޖެހެ އެވެ. ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރަމުންދާ އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށް ޑެލިގޭޓުން ކާމިޔާބު ނުކުރެވިއްޖެ ނަމަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވާނީ އެ ޕާޓީން ތަފާތު ސްޓޭޓުތަކަށް ހޮވާފައިވާ ޑެލިގޭޓުންނެވެ.

ޑިމޮކްރެޓިކް ޕާޓީ އަށް ބަލާއިރު ބޮޑު އަގުލަބިއްޔަތަކުން ކުރީގައި އުޅެނީ ހިލަރީ ކްލިންޓަން އެވެ.