ދުނިޔެ

ބިލިއަނަރުން އެންމެ ގިނައީ ކޮން ގައުމެއްގައި؟

މި ރާއްޖޭގައި ތިބި ބިލިއަނަރުންގެ ވާހަކަ ދައްކާކަށް އަޅުގަނޑުމެންނަކަށް ނުކެރޭނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ވެސް ނިކަން ބޮޑެތި މަހުޖަނުން އުޅޭކަން ދެން އެންމެނަށް ވެސް އެނގެއެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް ބިލިއަނަރުންގެ ލިސްޓް އާކޮށްލިއިރު މިފަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ އެވެ. އެގައުމުގައި މިހާރު، 97 ބިލިއަނަރުން ތިބިއިރު މިއީ މީގެ އެއް އަހަރާ އަޅާބަލާއިރު 27 އަދަދުގެ ކުރިއެރުމެކެވެ.

މީގެ މާނައަކީ، ބިލިއަނަރުން އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގައި އިންޑިއާ މިހާރު ރަޝިއާ އާއި އިނގިރޭސި ވިލާތަށް ވުރެ ވެސް ކުރިއަށް ޖެހިލައިފި ކަމެވެ. ނަމަވެސް ލިސްޓްގެ އެއް ވަނަ އަދިވެސް ނުލިބެ އެވެ.

އިންޑިއާ، މި ލިސްޓްގެ ތިން ވަނާގައި އޮތްއިރު އެގައުމުގައި ހުރި އެންމެ ބޮޑު މަހުޖަނަކީ މަޝްހޫރު މުކޭޝް އަމްބާނީ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ 41 ވަނާގައި އޭނާގެ ނަން އޮތްއިރު މިލްކިއްޔާތު 20 ބިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

އިންޑިއާ އިން ބޮޑު ކުރިއެރުމެއް ހޯދިއިރު ރަޝިއާގެ ބިލިއަނަރުންގެ މިލްކިއްޔާތު ވަނީ ދަށްވެފަ އެވެ. ތެލުގެ ވިޔަފާރީގެ އަގު ވެއްޓުމާ އެކު ރަޝިއާގެ މަހުޖަނުންގެ އަދަދުން ވެސް ވަނީ 60 ޕަސެންޓް ވެއްޓިފަ އެވެ. އެގައުމުގައި މިހާރު ތިބީ 93 ބިލިއަނަރުންނެވެ.

އަދިވެސް މަހުޖަނުން އެންމެ ގިނައީ އެމެރިކާ އާއި ޗައިނާގަ އެވެ. މިއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ އިގްތިސާދުވެސްމެ އެވެ.

މި ދެ ގައުމަށް ނިސްބަތްވާ ބިލިއަނަރުންގެ ޖުމްލަ މިލްކިއްޔާތަކީ ދުނިޔޭގެ ބިލިއަނަރުންގެ ޖުމްލަ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައެވެ.