ރައީސް އަބްދުﷲ ޔާމީން

ވެރިކަމުން ދުރުވާނީ އިގްތިސޯދީ ނަފާވާ ޕްރޮޑަކްޓަތަކެއް ދޫކޮށްފައި: ރައީސް

  • ވެރިކަމާ ހަވާލުވިއިރު ދައުލަތް އޮތީ ދާރާފައި
  • 35 ބިލިއަން ރުފިޔާ ހޭދަވިގޮތެއް ނޭނގޭ
  • ބަޖެޓް ދަރަނިވެރި ކުރަން ޗާންސެއް ނުދޭނެ

ފަސްއަހަރުގެ ދައުރު ނިންމާ ވެރިކަމުން ވަކިވާއިރު ދަރަނިވެރި ބަޖެޓެއް ނުބާއްވާނެ ކަމަށާއި، ދަރަންޏެއް އޮވެއްޖެނަމަ އެ ދަރަނި ފޫބެދޭ ވަރުގެ ފައިދާކުރާނެ އިގްތިސޯދީ މަސައްކަތްތައް ފެންނަން ހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހައްދުންމަތީ ގަމުގެ ނަރުދަމާ އިފްތިތާހުކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ވަކި ބަޔަކު "ކުޑަ" ކޮށްލައި ވެރިކަމާ ހެދި ބަޔަކާ ހަނގުރާމަކުރުމަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް މަންފާކުރުވަނިވި ހިދުމަތްތަކެއް ކޮށްދިނުމަށް ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރު ނިމޭއިރު އެކަން ސާބިތުކޮށް ދައްކާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމި ވެރިކަމާ ވަކިވާނީ، އެމަނިކުފާނުގެ ފަހުން ވެރިކަމަށް ކޮންމެ ބަޔަކު އައި ނަމަވެސް އެ ބަޔަކަށް ފައިދާކުރުވަނިވި އިގްތިސޯދީ އުފެއްދުންތަކެއް ދޫކުރުމަށްފަހު ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ސަރުކާރާ ވަކިވާނީ، ބޮޑެތި މަސައްކަތްތަކެއް ކޮށްފަ، ދެން ކޮންމެ ބަޔަކު އައި ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުން އުފައްދާފަހުރި މުދަލުން އަގު ލިބޭ ކަހަލަ އިކޮނޮމިކް ޕްރޮޖެކްޓްތަކެއް ދޫކޮށްފަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާނީ ބަޖެޓް ދަރަނި ބަޖެޓަކަށް ހަދާފައެއް ނޫން. އަދި ބަޖެޓް ދަރާފަ އޮވެއްޖެ ނަމަ އޭގެ ބަދަލުގަ އެ ދަރަނި ފުއްދަން ފައިސާ ހޯދޭނެ ފަދަ ބޮޑެތި އިގްތިސޯދީ މަސައްކަތްތަކެއް ފެންނަން ހުންނާނެ. އެއީ އަޅުގަނޑުމެންގެ ވިސްނުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ދައުލަތް ބޮޑު ދަރަންޏަކުން ދަރަނިވެފައިވާ ކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު އައިއިރު 35 ބިލިއަން ރުފިޔާއިން ދައުލަތް ދަރާފައިވާ ކަމަށެވެ. އަދި އެވަރުގެ ބޮޑު ދަރަނިވެރި ކަމެއް ދައުލަތުގެ ބޮލުގައި އެޅުވުނު އިރު އެ ފައިސާއިން ކުރެވުނު ކަމެއް، ހޭދަކުރެވުނު ގޮތުގެ ހެއްކެއް ފެންނަން ނެތްކަމީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ސަރުކާރާ ހަވާލުވި އިރު ދައުލަތް ދަރާފައި އޮތް ދަރަންޏަކީ ދައުލަތުން މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން އަދާކުރަންޖެހޭ ދަރަނި. އެއީ އެކި ތަންތަނުން ލޯނު ނެގިގެން ނަމަވެސް އެހެރީ ހޭދަ ތަކެއް ކުރެވިފަ. 35 ބިލިއަން ރުފިޔާ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ބަލާނަމަ ދެ ތިން އަހަރުގެ ޖުމްލަ އާމްދަނީ އާ ބައްދަލު އަދަދެއް،" ރައީސް ވިދާޅުވި އެވެ.

"އެވަރުގެ ބޮޑު ދަރަންޏަކުން ދައުލަތް ދަރަނިވެރިވި އިރު އެ ހުރިހާ ފައިސާއެއް ހޭދަކުރެވުނު ގޮތާމެދު ސުވާލުކުރެވޭ،" ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެވަރުގެ އަދަދެއް ނަގައިގެން ގައުމުގެ ތަރައްގީނުކުރެވި ހުރި ދާއިރާތަކަށް ނުވަތަ ހަމައެކަނި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ހޭދަކުރި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އެ ނިޒާމްތައް ގާއިމްވެފައި އޮންނަންވާނެ ކަމަށެވެ. އެ ފައިސާ ހޭދަކުރެވުނު އެހެން ގޮތަކާ މެދު ވިސްނާލާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލެއް އައިސްފައި ނެތްކަން ފާހަގަކުރެއްވި އެވެ.

"މި ދަރަނިވެރިކަމެއްގެ ވާހަކަ ދައްކާއިރު، އޭގެއިން ކުރެވުނު ހޭދަތަކުގެ ވާހަކަ ދައްކާއިރު، ކޯޓުން ނިންމީމަވެސް ސިވިލް ސާވިސްގެ މުސާރަވެސް އޮތީ އޭރުގެ ސަރުކާރުން ނުދެވިފަ. އެހެންވީމަ މުސާރައަކަށް ވެސް ނޫން އެ ފައިސާ ހޭދަވީކީ. ރަށްރަށުގެ ބަނދަރު ހަދަން ކަމަށް ވާނަމަ އެ ބަނދަރުތައް ހުންނަން ވާނީ މިހާރު ނިމިފަ. ބަނދަރު ނެތިގެން، ކުޑަ ވެގެން ރައްޔިތުން ޝަކުވާކުރުމަށް ވެސް ހަމަ ޔަގީނުން ވެސް ނާންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހެދި ބަނދަރުތަކެއް ވެސް ހަދާފައިވަނީ ސުނާމީގައި ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް މައުމޫންގެ ވެރިކަމުގައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ކަމަށެވެ. އޭގެ ފަހުން ދެ ވެރިކަން އައިއިރު، އެވަރުގެ ދަރަންޏެއް ދައުލަތުގެ ބޮލުގައި އެޅި، އެ ފައިސާ ހޭދަކުރެވުނު ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. އަދި އޭރު އެގޮތަށް ކަންކަންވެ ގޮސްފައިވީ ނަމަވެސް އެމަނިކުފާނުގެ ފަސް އަހަރު ނިމޭއިރު ހޯދާ ފައިސާގެ ބޭނުމާއި ހެކި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކޮށް ދައްކާނެ ކަމަށް ވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.