މަރުގެ ހުކުމް

ޝިފާން މަރާލިކަން ސާބިތުވެ، މަރުގެ ހުކުމް އިއްވައިފި

  • ދައުވާކުރީ ތިން މީހެއްގެ މައްޗަށް
  • ކުށް ސާބިތުވީ ޝައިފަންގެ މައްޗަށް
  • މިއީ ހައިކޯޓުން މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރު

ވެސްޓްޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މއ، ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލަގައި ދައުވާކޮށްފައިވާ އެކަކު މައްޗަށް ކުށް ސާބިތުވެ މަރަން ހުކުމްކޮށްފި އެވެ. މި ހުކުމް އިއްވާފައިވަނީ މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްޗަށެވެ.

އޭޕްރީލް 2012 ގައި ޝިފާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރުމުން އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފުކުރީ ޝައިފަންގެ އިތުރުން މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްސަލަ އެވެ.

އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ނިންމާލާފައިވާތާ އެތައް ދުވަސްތަކެއް ފަހުން މައްސަލާގެ ހުކުމް މިއަދު ހައިކޯޓުން ކޮށްފައިވާއިރު އެ ކޯޓުން ނިންމީ، ޝިފާން މަރާލިކަމުގެ ކުށް ޝައިފާންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ޝައިފަންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން މައްސަލާގައި އިސް ފަނޑިޔާރުކަން ކުރެއްވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ ހެކިން ހެކިބަހުން ޝިފާން މަރާލިއިރު ޝައިފަން އެތާ ހުރިކަން އެނގޭ ކަމަށާއި ޝައިފަން އަތުގައި ވަޅިއެއް އޮތްކަން ވެސް އެނގޭ ކަމަށެވެ. އަދި ޝިފާންގެ އަތުގެ ނިޔަފަތިން ފެނުނު ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުންގެ ރިޕޯޓުން އެނގެން އޮތް ކަމަށް ވެސް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ.

ޝިފާން މަރާލިކަމުގެ ކުށް ޝައިފަންގެ މައްޗަށް ސާބިތުވިއިރު ދެން ދައުލަތުން ދައުވާކުރި ތިލްމީޒާއި މިޝާން މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ދެ މީހުންނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ވަނީ ތާއިދުކޮށްފަ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑީޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިިޔާރު ޝުޖާއު އުސްމާނު އަދި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ޝައިފަންގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ ހައިކޯޓުން އިއްވި ފުރަތަމަ މަރުގެ ހުކުމެވެ. މީގެކުރިން ހައިކޯޓުން މަރުގެ ހުކުމެއް އިއްވާފައިނުވީ ނަމަވެސް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތަކަށް ތާއިދުކޮށްފައިވެ އެވެ.