މަރުގެ ހުކުމް

ޒިޔަދަމްގެ މަރު: ޝަނޫން މަރަން ހުކުމްކޮށް ސިފާމް އުމުރަށް ޖަލަށް

މީގެ ހަތް އަހަރު ކުރިން ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އެރަށު، ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށާއި އެރަށު ބީޗްވިލާ އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޒިޔަދަމް މަރާލިކަމުގެ ކުށް، މުހައްމަދު ޝަނޫން އާއި އަލީ ސިފާމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ޑިސެމްބަރު 18، 2022 ގަ އެވެ.

ޝަނޫންގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ސިފާމްގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެެވެ.

ޒިޔަދަމްގެ ހުރިހާ ވާރިސުން ވެސް ކޯޓުގައި އެދިފައިވަނީ ޒިޔަދަމްގެ ގާތިލަށް މަރުގެ އަދަބު ދިނުމަށެވެ.

ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައިވާކަން ހެކިންގެ ހެކިބަހުން އެނގެ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނު ދިރިއުޅުނު ގޭގެ ބަދިގޭގައި އޮއްވަ އެެވެ.

ޝަރީއަތުގައި ދައުލަތުން ބުނި ގޮތުގައި މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި ސިފާމް ވަނީ އެތަނަށް ގޮސް ތޫނު އެއްޗަކުން ޒިޔަދަމްއަށް ހަމަލާދީފަ އެވެ.

އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.