ހުޅުމާލެ

ހުޅުމާލޭގައި ކުޑަކުދިންނަށް ފެންކުޅި އީދެއް ބާއްވަނީ!

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީން އިންތިޒާމްބކޮށްގެން އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ފެނުގެ ކުޅިވަރުތަކަށް ހާއްސަ "ވޯޓާ ސްޕްލޭޝް ޑޭ" ހަވީރެއް ބާއްވަން ނިންމައިފި އެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު ހަޔަކަށް ސެންޓްރަލް ޕާކުގައި ކުރިއަށްގެންދަން ނިންމާފައިވާ އެ ފެެސްޓިވަލާ ގުޅިގެން އެޗްޑީސީން ބުނީ، ކުޑަކުދިންނާ ގުޅޭ ގިނަ ހަރަކާތްތަކެއް ވޯޓާ ސްޕްލޭޝް ފެސްޓިވަލުގައި ކުރިއަށްގެންދާނެ ކަމަށެވެ. އެ ފެސްޓިވަލް އިންތިޒާމްކުރުމަށް ހުޅުމާލޭގެ ހުރިހާ ސްކޫލްތަކާއި މުއައްސަސާތަކުން ބައިވެރިވާއިރު، ފެސްޓިވަލްގައި ގިނަ އަދަދެއްގެ ކުޅިވަރު ސްޓޯލްތަކެއްވެސް ހިމަނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވޯޓާ ސްޕްލޭޝް ފެސްޓިވަލަކީ ކުޑަކުދިންނަށް ހާއްސަ އިވެންޓަކަށް ވާތީ އެތަނުން ފަސްޓްއެއިޑްގެ ހިދުމަތާއި ތަނުގެ ތެރެއިން ކާއެއްޗިހި ގަންނަން ލިބޭނެ ގޮތުގެ އިންތިޒާމްވެސް ހަމަޖައްސާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ވޯޓާ ސްޕްލޭޝް ޑޭގެ ކުޅިވަރުތައް ބާއްވަން ނިންމާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެ އިންވެންޓަށް މާލެ ސަރަހައްދުގެ ހުރިހާ ކުޑަކުދިންނަށް އެޗްޑީސީން ވަނީ ދައުވަތު ދީފަ އެވެ.