ވިޔަފާރި

އަމާނާ ތަކަފުލްގެ ފައިދާގެ 10 ޕަސެންޓް ހިއްސާދާރުންނަށް ބަހަނީ

އިސްލާމިކް ޝަރީއަތާ އެއްގޮތަށް އިންޝްއަރެންސް ހިދުމަތް ދިނުމުގެ ވިޔަފާރި ރާއްޖޭގައި ކުރާ ހަމައެކަނި ކުންފުނި، އަމާނާ ތަކާފުލްއަށް މިދިޔަ އަހަރު ރަނގަޅު އާމްދަނީއެއް ލިބި، އޭގެ ތެރެއިން 10 ޕަސެންޓް ހިއްސާދާރުންނަށް ބަހަން އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު މޫކައި ސުއިޓްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަރީޒް ސުލައިމާން ވިދާޅުވީ، އަމާނާ ތަކާފުލް އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 86 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިއްސާގެ ގޮތުގައި ބަހަން ނިންމާފައިވަނީ ޖުމްލަ އާމްދަނީ އިން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ 50 ޕަސެންޓް ކަމަށްވާ 2.6 މިލިއަން ރުފިޔާކަމަށެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ފައިދާއަށް ލިބުނީ، 6.2 މިލިއަން ރުފިޔާ އެވެ.

ހަރީޒް ވިދާޅުވީ، އަމާނާ ތަކާފުލް އަކީ މެދުކެނޑުމެއްނެތި ހިއްސާ ބަހަމުންގެންދާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ ވިޔަފާރިއަށް ތަފާތު ގޮންޖެހުންތައް ހުރި ނަމަވެސް، އެކުންފުންޏަށް ލިބުނު މާލީ ނަތީޖާއަށް ބެލުމަށްފަހު ހިއްސާގެ ފައިދާގެ ގޮތުގައި 10 ޕަސެންޓް ބަހަން ނިންމުމަކީ ހިއްސާދާރުންނަށް ލިބޭނެ އުފާވެރި ހަބަރެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ބައެއް ދާއިރާތަކުން މާލީ ގޮތުން ދަށްވުމެއް އައި ނަމަވެސް، އިންޝޫރެންސް ދާއިރާއަށް ދިމާވި ގޮންޖެހުންތަކާ އެކު ވެސް އެ ކުންފުނިން ދެމެހެއްޓެނިވި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ހަރީޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކުރިއެރުންތައް ބިނާވެފައިވަނީ ވިޔަފާރި ފުޅާކުރުމަށް ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި ޓެކްނޮލޮޖީގެ ރޮނގުން ތަރައްގީކުރުމަށް އެކުންފުނިން ދިން އަހައްމިއްޔަތުގެ ސަބަބުންނެވެ.

"ހުށިޔާރުކަމާ އެކު އަންޑަރައިޓް ކުރުމާއި ހިރާސް ވަޒަންކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ޕްރޮޑަކްޓްލައިން ފައިދާތައް ހާސިލްކުރަން މަގުފަހިވެގެން ދިޔަ،" ހަރީޒް ވިދާޅުވި އެވެ.

ފައިދާގެ 10 ޕަސެންޓް ހިއްސާދާރުންގެ މެދުގައި ބެހުމަށް އެކުންފުނިން ނިންމާފައިވާއިރު، ފައިދާ ހޯދުމަށް. ހިއްސާގެ ދަފްތަރު ގައި ހިއްސާދާރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 22އާ ހަމަޔަށް ހުޅުވާލާނެ ކަމަށް އަމާނާ ތަކާފުލް އިން ބުންޏެވެ. ހިއްސާދާރުންނަށް ލިބޭ އިތުރު އިނާޔަތެއްގެ ގޮތުން އެކުންފުނީގެ ޕާސަނަލް އެކްސިޑެންޓް ކަވާއެއްވެސް ލިބޭނެ އެވެ.