ހަބަރު

އައްޑޫ އާއި ފުވައްމުލަކުގެ ކުނި މެނޭޖުކުރަން އެމްއާރްޑީސީ އާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ހުރިހާ ރަށްތަކާއި ފުވައްމަލަކުގެ ކުނިކޮށި މެނޭޖުކުރަން ރޯޑް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްފި އެވެ. މި ޕްރޮޖެކްޓުތަކަށް ހަރަދުކުރަން ހަމަޖެހިފައިވަނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓު ލޯނުގެ އެހީގައި އަދި ސަރުކާރު ބަޖެޓުންނެވެ.

ސަރަހައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމްގެ ދަށުން އެސަރަހައްދުތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް މިއަހަރުތެރޭ ވަނީ ފަށާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކުގައި ރަށު ފެންވަރުގެ ކުނި މެނޭޖްކުރުމުގެ މަރުކަޒު ގާއިމްކޮށް، އެކަށީގެންވާ ފެންވަރުގެ ކަލެކްޝަން ސިސްޓަމަކާ ރަނގަޅުގޮތުގައި ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށު ފެންވަރުގައި މެނޭޖްކުރެވޭ ޒާތުގެ ކުނި ރަށުން ބޭރުކޮށް އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކުރާ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަރުކަޒަށް އުފުލުމުގެ ކަލެކްޝަނެއް ގާއިމްކުރާނެ ކަމަށެވެ.

ފުވައްމުލަކު ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް އެމަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުންނާ އިކުއިޕްމަންޓްސް ނެތުމުން އެމަސައްކަތް ވަނީ އެންމެ އެކަށީގެންވާ ފެންވަރަކަށް ނުކުރެވޭ ކަމަށެވެ. ފުވައްމުލަކު ކުނި ކޮށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ވަރަކަށް ނުކުރެވޭތީ އެތައް ފަހަރެއްގެ މަތިން ވަނީ ކުނި ކޮށީގައި ރޯވެފަ އެވެ.

އައްޑޫ ސިޓީ އާ ފުވައްމުލަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ގޭގެއިންނާއި، ވިޔަފާރުކުރާ ތަންތަނުން އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުން ފީއެއް ނަގައިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިތުރަށް ބޭނުންވާ ހަރަދުތައް ސަރުކާރުން ވަކި ސީލިންގް އެއްގެ ދަށުން ސަބްސިޑީއެއް ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެންވާރަމެންޓު މިނިސްޓްރީން ބުނީ އެމްއާރްޑީސީން ގޭގެއިން ކުނި ނަގާ، ކުނި އުފުލަން ބޭނުންވާ އުޅަނދުތަކާއި، ކުނި މެނޭޖުރަން ބޭޏުންވާ އިކުއިޕްމަންޓުގެ އިތުރުން ރަނގަޅުގޮތުގައި ގޮތުގައި ކުނި މެނޭޖުކުރަން ބޭނުންވާ ތަކެތު ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވެން ނެތުމުން މިވަގުތަށް އެމްއާރުޑީސީން އެތަކިތު ކުއްޔަށް ނަގައިން ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަ ޖުރަން މިއަހަރު ނިމުމުގެ ކުރިން މި ރަށްތަކުގައި ކުނި އުފުލަން ހާއްސަ އެއްގަމު އުޅަނދު ހޯދުމަށްފަހު ޕްރޮޖެކްޓްގެ މަސައްކަތް ނިމުމާއި ހަމައަށް ސޮއިކުރެވުނު އެއްބަސްވުމަށް އެކަށީގެންވާ ބަދަލުތަކެއް ގެނައުމަށްފަހު އެތަކެތި އެމްއާރުޑީސީ އާ ހަވާލުކުރާނެ ކަމަށެވެ.