ކްވޭތު

ވިޔަފާރިއާ އިގްތިސޯދީ ދާއިރާއިން ގުޅުން ބަދިހި ކުރަން ރާއްޖެ، ކުވޭތު އެއްބަސްވެއްޖެ

ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ކުވޭތުއާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ވީއައިޕީ ލޮންޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރޭޑް އިކްނޮމިކް ކޯޕަރޭޝަން އެއްބަސްވުމުގައި ކުއޭތު ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޓްރޭޑް އެންޑް ކޮމާސް މިނިސްޓަރު ޔޫސުފް މުހައްމަދު އަލް އަލީ އެވެ. ރާއްޖެ ފަރާތުން ސޮއި ކުރެއްވީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ފޮރިން އިންވެސްޓްމެންޓުގެ ދާއިރާއަށް ރާއްޖެ ހުޅުވާލައި، ވިޔަފާރިތަކަށް ކުރިން ނުލިބޭ ފުރުސަތުތައް ހޯދައިދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކި ގައުމުތަކާއެކީ ވިޔަފާރި އާއި އިގްތިސޯދީ ދާއިރާގެ ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުވޭތު އާއެކު މިއަދު ސޮއި ކުރެވުނު ޓްރޭޑް އިކްނޮމިކް ކޯޕަރޭޝަން އެއްބަސްވުމުގެ ސަބަބުން ދެގައުމު ދެމެދު ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ފުޅާވެ، އިންވެސްޓްމަންޓުގެ ދާއިރާ އިން ހުރި ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ވަރަށް ކުރުމުއްދަތެއް ތެރޭގައި ކުއޭތު ސަރުކާރުން ވަނީ ރާއްޖެއާއެކު ޓްރޭޑް އިކްނޮމިކް ކޯޕަރޭޝަން އެގްރީމަންޓަކަށް ދާން އެއްބަސްވެ އަދި މިއަދު ސޮއިކޮށްފައި. މިއާއި އެކީ ރާއްޖޭގައި ކުވޭތުގެ ވިޔަފާރިތައް ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރުވެގެން ދާނެ ކަމަށެވެ.

ކުވޭތު ސަރުކާރުން ވަނީ އައިއެންއައިއޭ ތަރައްގީ ކުރަން މީގެ ކުރިންވެސް ބޮޑު އެހީތެރިކަމެއްވެފަ އެވެ. މިނިސްޓަރު ވިދާޅުވީ އަލަށް ހަދާ ޓާމިނަލް ޕްރޮޖެކްޓަށް ފަންޑު ކުރާ އަރަބި ގައުމުތަކު ތެރޭގައި ވެސް ކުވޭތު ހިމެނޭ ކަމަށެވެ.