މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރާއްޖޭގައި ލޮނު އުފައްދަން ބަޔަކާ ހަވާލުކޮށްފި

ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ)އާ ހަވާލުކޮށްފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިކަމާ ގުޅޭ ދިރާސާ ހެދުމަށް ޔޫއެންޑީޕީއާ ގުޅިގެން ބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ސައީދު ވިދާޅުވީ ދިރާސާ ކުރަން ގިނަ ދުވަސްތަކެއް ދުއްވާލުމުގެ ބަދަލުގައި މަސައްކަތް އަވަހަށް ފެށުމަށް އިސްކަން ދޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އެ މަސައްކަތް ކުރާނަން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވާތީ ކަނޑުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތްތަކެއް ބަލާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުން ލޮނު އުފެއްދުމަކީ ކުރެވިދާނެ ކަމެއް ކަމަށް ފެންނާތީ ރާއްޖޭގެ މާކެޓަށް ބޭނުންވާ ވަރަށް ލޮނު އުފެއްދުމަށް އިސްކަންދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައީދު އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން ރާއްޖޭގައި ލޮނު އުފެއްދުމުގެ ވާހަކަ އޭރުވެސް ދެއްކެވި އެވެ. އެކަމަކު އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ރާއްޖޭގައި ތަފާތު އާ ވިޔަފާރިތައް ފަށައި ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.