ހަބަރު

ޕޮލިޓެކްނިކުން 229 ދަރިވަރުން ގްރެޖުއޭޓް ވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ސެޓްފިކެޓް ލެވެލް އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުން 229 ދަރިވަރުން މިއަދު ގްރެޖުއޭޓް ވެއްޖެ އެވެ.

އެ ދަރިވަރުންނަށް ގްރެޖުއޭޓް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު ޕޮލިޓެކްނިކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ދަރިވަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ފަސޭހަ ކަމާއެކު މަސައްކަތްތެރި ކަމުގެ ކޯސްތަކުގައި ބައިވެރިވެ، ހުނަރު ދަސްކޮށް އިތުރަށް ތަރައްގީ ކުރުމުގެ ފަސޭހަތަށް ހޯދައިދީ، ވަޒީފާގެ ބާޒާރަށް ތައްޔާރު ކުރުމަކީ ޕޮލިޓެކްނިކުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

އެގޮތުން މާލެ ފިޔަވައި ރާއްޖޭގެ އިތުރު ހަ ސަރަހައްދެއްގައި ޕޮލިޓެކްނިކްގެ ކެމްޕަސްތައް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށާ އަދި ހަތަރު ކެމްޕަހެއް މިހާރު ހިންގަން ފަށާފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މާލޭ ކެމްޕަހެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ކެމްޕަސްތަކުންވެސް އެ ސަރަހައްދުގައި ގާއިމްކޮށްފައި ހުރި އިންޑަސްޓްރީތަކުން އިންޑަސްޓްރިއަލް ޓްރެއިނިން ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ހޯދައިދޭ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިޓެކްނިކް ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް އިބްރާހިމް ހަނީފް ވިދާޅުވީ

ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް މަސައްކަތްތެރިކަން އިތުރުކޮށް ތައުލީމީ ނިޒާމަށް އިންގިލާބެއް ގެންނަވަމުންދާ ކަމަށެވެ. ރާއްޖޭގެ ތައުލީމީ ނިޒާމަށް ބަދަލުތަކެއް ބޭނުންވާ ކަމަށާއި އެބަދަލުތައް ގެނައުމަކީ އެންމެންގެ މައްޗަށް ވާޖިބެއް ކަމަށެވެ. އަދި އެނިޒާމަށް ގެނެވޭނެ އެންމެބޮޑު ބަދަލަކީ ކުރިން އޮތް ތައުލީމީ މަންހަޖު ބަދަލުކުރުން ކަމަށް ހަނީފް ވިދާޅުވި އެވެ. އަދި މިހާރުވެސް ކުރިމަގުގެ ޒުވާނުންގެ ވިސްނުމަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނާނެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ޕޮލިޓެކްނިކްގެ ކޯސްތައް ހިންގަނީ ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމާ އެކުގައި ކަމަށާއި އަދި މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު ކުދިން ގްރެޖުއޭޓް ވާ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.

"މީގެ ދެއަހަރު ކުރިން ޕޮލިޓެކްނިކުން ގްރެޖުއޭޓް ވަމުން ދިޔައީ 25-30 އާ ދެމެދުގެ ދަރިވަރުން، އެކަމަކު މިފަހަރު އެކަނިވެސް 229 ދަރިވަރުން ގްރެޖުއޭޓްވޭ، އަދި މިދިޔަ އަހަރުގެ އެންރޯލްމެންޓް ހާހަކަށް އެރި" ހަނީފް ވިދާޅުވި އެވެ.

މިއަދު ޕޮލިޓެކްނިކުން ގްރެޖުއޭޓް ވެފައިވަނީ 12 ކޯހަކުން ދަސްވެނިވި ދަރިވަރުންނެވެ.