ހައުސިން ޔުނިޓް

ރެހެންދި ފްލެޓްގެ އެޕާޓްމަންޓްތައް ވިއްކަން ކުރި އިއުލާން ބާތިލްކޮށްފި

ޓީވީ ކޮށީގައި އިމާރަތް ކޮށްފައިވާ ރެހެންދ ފްލެޓްގެ 11 އެޕާޓްމަންޓު ވިއްކާލަން ކުރި އިއުލާން ބާތިލްކޮށްފި އެވެ. ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން އެ ފްލެޓުން އެޕާޓްމަންޓުތައް އާމުންނަށް ހުޅުވާލައިގެން ވިއްކަން ކުރި އިއުލާން ބާތިލްކޮށްފައިވާ އިރު އޭސީސީއިން ވެސް ވަނީ އެ ފްލެޓް ބީލަމުގެ އުސޫލުން ނުވިއްކަން އަނގައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ރެހެންދި 1 ގެ އެއް އެޕާޓްމަންޓާއި ރެހެންދި 3 ގެ 10 ފްލެޓު ގަންނަން ޝައުގުވެރިވާ ފަރާތްކަށް އެ ފުރުސަތު ހުޅުވާލުމަށް ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކައިރި މުސްތަގުބަލެއްގައި އަލުން އެ ފްލެޓްތައް ގަންނަން ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ބުންޏެވެ. މިފަހަރު ބާތިލު ކުރި ސަބަބެއް ނުބުނެ އެވެ.

ހައުސިން އިން ބުނީ ރެހެންދި ފްލެޓު ގަތުމަށް ފުރުސަތު ހުޅުވާލުމުން އެކި ފަރާތްތަކުން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ފޯމާއި ބޭންކު ގެރެންޓީ ސިޓީ އަދި ޗެކުތައް މާދަމާ އިން ފެށިގެން ޖޫން ފަހަކާއި ހަމަޔަށް ދޫކުރާނެ ކަމަށެވެ.

ރެހެންދީ ފްލެޓަކީ ގިނަ ސަރުކާރުގެ އިސްވެރިން އުޅޭ ފްލެޓް އިމާރާތެކެވެ. އެތަން އާމުންނަށް ބީލަމުގެ އުސޫލުން ދޫކުރަން އިއުލާން ކުރުމުން އޭސީސީއިން އެކަން ނުކުރަން އެންގީ އެންމެ މަތީން އަގު ހުށަހަޅާ ފަރާތްތަކަށް ފްލެޓް ވިއްކުމަކީ އެންމެ މަސްލަހަތު ރަނގަޅު އިންސާފުވެރިގޮތް ކަމަށް ނުދެކޭތީ ކަމަށް ބުނެ އެވެ.