ޖިންސީ ގޯނާ

ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

May 22, 2016

ހަ އަހަރުގެ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިނގި މީހަކު 10 އަހަރަށް ޖަލަށްލާން ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިނގުމުގެ ކުށް ސާބިތުވެ، މި މަހުގެ 19 ވަނަ ދުވަހު މި ހުކުމްކޮށްފައިވަނީ ގއ. ވިލިނގިލީ، އިރުވައިމާގެ، މުޙައްމަދު ޝަޒްލީން 25، ގެ މައްޗަށެވެ.

ޝަޒްލީންގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، އޭނާ 2015 ވަނަ އަހަރުގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައާ ގުޅިގެންގެ އުފުލި ދައުވާ ސާބިތުވެގެނެވެ. ޝަރީއަތުގައި ޝަޒްލީން އިންކާރުކޮށްފައިވާތީ، ދައުވާ ސާބިތު ކުރަން ދައުލަތުން ހެކި ހުށަހެޅި އެވެ. އޭގެ އިތުރުން، ފުލުހުންގެ ތަހުގީގުގައި ޝަޒްލީން ވެފައިވާ އިއުތިރާފު ބަޔާންވެސް ގަރީނާއެއްގެ ގޮތުގައި ހުށަހެޅި އެވެ.

ދައުލަތުން ހުށަހެޅި ހެތްކާއި ގަރީނާތަކުގެ މައްޗަށް ބަލައި ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ހެކި ލިބިފައިވާތީ، ޝަޒްލީންގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށާއި ކުށުގެ އުގޫބާތެއްގެ ގޮތު، ޝަޒްލީން 10 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.