މާލެ އަތޮޅު ދިއްފުށީގައި ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރިކަމަަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް ކުޑަކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ދިއްފުށީގައި ހިނގި ހަމަނުޖެހުމާއި ގުޅޭގޮތުން ފުލުހުން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަަށެވެ. އަދި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަ އާއި ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދިއްފުށީގައި ހިނގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު މީހާއަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން މީހަކު ފުލުހުންގެ ދައުރު އަދާ ކުރުމުގައި އިހުމާލުވެ އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުތައް ބެހެއްޓި ކަމަށް ތުހުމަތު ކުރެވޭ މައްސަލަވެސް ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާ އާއި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ދިޔަ ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަަށެވެ. އަދި ފުލުހުންނަަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ގއ. ވިލިގިއްޔަށް ނިސްބަތްވާ މީހަކަށް ދިއްފުށީގައި ބަޔަކު ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެ މީހާ ވަނީ އެ ރޭގެ ކަންކަން ހިނގާދިޔަ ގޮތް ހިއްސާ ކޮށްފައެވެ.
އަދި ބުނީ ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އޭނާއަށް ހުތުރު ބަހުން ވާހަކަ ދައްކާ "ހޭއަރުވާލާނެ" ކަމަށާ އެ ރަށުން އޭނާ ގެންދާނީ ވީލްޗެއާއެއްގައި ކަމަށް ބުނެ އަނިޔާ ކުރަމުން ދިޔަ މީހުންނަށް ފުރުސަތު ދީ ހިތްވަރު ދީފައިވާ ކަމަށެވެ. އަދި އެއީ އެ މީހުންގެ ސަރަހައްދު ކަމަށް ބުނެ އިންޒާރުގެ ބަސްތައް ރައްދު ކުރި ކަމަށެވެ. އެއީ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ތުލުސްދޫ އިން އައި ފުލުހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ވިލިގިއްޔަށް ނިސްބަތްވާ މުހައްމަދު ޝިހާމް، ދިއްފުއްޓަށް ދިޔައީ އޭނާގެ އަަންހެނުންނާއެކުގައެވެ. ޝިހާމްއަށް ހަމަލާދިނީ އޭނާގެ އަންހެނުންގެ ކުރީގެ ފިރިމީހާގެ އާއިލީ ބައެކެވެ. އެ މީހުން އެނގޭ ކަމަށް ޝިހާމްގެ އަންހެނުން ވަނީ ބުނެފައެވެ.