ބަރެސްދޫ

ބަރެސްދޫ ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

May 23, 2016

އިންޓަގްރޭޓް ރިސޯޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވަނީ ލ. ބަރެސްދޫ ބަލަހައްޓައި ސްޕަވައިޒްކޮށްދޭން ފަރާތެއް ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިއުލާންކޮށްފި އެވެ. ބަރެސްދޫ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ އެއް އަހަރު ދުވަހަށެވެ.

މީގެ ކުރިން ވެސް މި އިއުލާން ކުރި އެވެ. ނަމަވެސް ކުރީގެ ބީލަން ބާތިލު ކުރީ ބީލަންތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެވެ.

އަލަށް ކުރި އިއުލާންގައި ބުނަނީީ ބަރެސްދޫ އެއް އަހަރަށް ސްޕަވައިޒް ކޮށްދޭން ޝައުގުވެރިވެރިވާ ފަރާތްތަކުން ވެލާނާގެ، 4 ވަނަ ފަންގިފިލާއަށް އަންނަ ބުދަ ދުވަހު ހާޒިރުވެ މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ އަންނަ ޖޫން 17 އަށް ކަމަށެވެ.

އިންޓަގްރޭޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ފޭސް ވަންގެ ގޮތުގައި ބަރެސްދޫ ތަރައްގީކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން އެމްއެމްޕީއާރްސީގެ ކުރިން ބުނެފައި ވަނީ ބަރެސްދޫ އަށް މި މަޝްރޫއު ބަދަލު ކުރީ އެ ރަށް ބޮޑުވުމުން ކަމަށެވެ. ބަރެސްދޫގެ ކުރިން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައި އޮތީ ލ. ތުނބުރި އާއި ހުޅިޔަންދޫ އެވެ.

އެމްއެމްޕީއާރްސީން ކުރިން ބުނެފައި ވަނީ ބަރެސްދޫއިން ވިއްކަން ނިންމި 12 ބިމުގެ ތެރެއިން 16 ބިމެއް ވަނީ ވިކިފަ އެވެ. އަދި ބަރެސްދޫގައި ވޯޓާ ވިލާ ހަދަން ކަނޑައެޅި ތިން ޕްލޮޓަށް ވެސް ބިޑަށް ހުޅުވާލި އެވެ.

ބަރެސްދޫ ހުޅުވުމާއެކު މެދުފަންތީގެ މާކެޓަށް 2،000 އެނދު އިތުރުވެ، 4،000 ވަޒީފާ އުފެދޭނެ ކަމަށް އެމްއެމްޕީއާރްސީއިން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ބަރެސްދޫ ރިސޯޓް ފެށުމާއެކު އިތުރު 200،000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބަރެސްދޫ ނިންމާ، ހުޅުވަން ހަމަޖައްސާފައި ވަނީ 2017 ވަނަ އަހަރަށެވެ.