އެމްއެމްޕީއާރްސީ

ފަތުރުވެރިކަމުގައި ޑޭޓާ ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ޝިއުރީ

ޑޭޓާ ބޭނުންކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުސްތަގުބަލަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

ޝިއުރީ މިހެން ވިދާޅުވީ އެއް ދުވަހުގެ މުއްދަތަށް ބަނޑޮހުގައި ކުރިއަށް ގެންދިޔަ ޑޭޓާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝިއުރީ ވިދާޅުވީ ފަތުރުވެރިކަން ފަދަ މުހިއްމު ސިނާއަތަކަށް ޑޭޓާއާއި ބެހޭ މައުލޫމާތަކީ އެ ސިނާއަތުގެ ސިޔާސަތުތަށް ކަނޑައެޅުމަށް މުހިއްމު މައުލޫމާތު ތަކަކަށް ވެގެންދާނެ ކަމަށެވެ. އަދި ބައްދަލުވުމުގެ ތެރެއިން ޑޭޓާ ބޭނުންކުރާނެ ގޮތް ދަސްވެއްޖެ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ފަތުރުވެރިކަމުގެ ސިނާއަތު ދަނީ ބަދަލުވަމުން. މިފަދަ ދަނޑިވަޅެއްގައި ޑޭޓާ އެއްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ޝިއުރީ ވިދާޅުވި އެވެ.

މި ފޯރަމުގެ މުހިއްމުކަމާ ގުޅޭގޮތުން އެމްއެމްޕީއާރްސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ވިދާޅުވީ ފަތުރުރުވެރިކަން ފެށިގެން އައި ހިސާބުން ފެށިގެން ރާއްޖޭގައި ޑާޓަތައް ނަގަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރަން ފަސޭހަވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަތުރުވެރިކަމަށް ހާއްސަކޮށްގެން ބޭއްވި ގްލޯބަލް ޑާޓާ ފޯރަމްގައި ރާއްޖޭގެ ގިނަ ތަޖުރިބާކާރުން ތަކެއް ވަނީ ބައިވެރިވެފަ އެވެ. މީގެތެރޭގައި ޓްރިޕް އެޑްވައިޒަ، ބުކިން ޑޮޓްކޮމް، އަޑާރާ، ޔޫނިއަން ޕޭއި، އަމަޑިއުސް ފަދަ ފަރާތްތައް ހިމެނެ އެވެ.

މީގެ އިތުރުން ޓޫރިޒަމް އިކޮނޮމިކްގެ އޮކްސްފޯޑް އަދި އީޓުއަރިޒަމް ފްރޮންޓިއާސް އިން ފަތުރުވެރިކަމުގެ ސިނާއަތުގައި ޑޭޓާގެ މުހިއްމުކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. މިފޯރަމުގައި މުޅި ޖުމްލަ 150 ފަރާތެއް ބައިވެރިވެފައިވެ އެވެ.