އެމްއެމްޕީއާރްސީ

ފަތުރުވެރިކަން ކުރިއަރުވަން ޑޭޓާ ފޯރަމެއް ބާއްވަނީ

ޑޭޓާ ނުވަތަ ތަފާސްހިސާބު ބޭނުންކޮށްގެން ފަތުރުވެރިކަން މާކެޓްކޮށް ކުރިއެރުވުމަށް ފޯރަމްއެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި ތަފާސްހިސާބު ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބާއްވާ މި ފޯރަމްގައި ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.

"އެމްބްރޭސިންގް ޑޭޓާ ފޮ ޑެސްޓިނޭޝަން ސަކްސެސް" ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. މި ފޯރަމްގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އީ-ޓޫރިޒަމް ފްރޮންޓިއާސްއާ ގުޅިގެން ބާއްވާ މި ފޯރަމްގައި މެލްޓްވޯޓާ، އަމަޑިއަސް، އަދާރާ، ޓްރިޕްއެޑްވައިޒާ، ޓޫރިޒަމް އިކޮނޮމިކްސް އޮކްސްފޯޑް، ފޯވާޑް ކީސް އަދި ޔޫނިއަން ޕޭގެ މަންދޫބުން ހިމެނޭ ގޮތަށް ޓޫރިޒަމް ސިނާއަތުގެ އިސްވެރިންނާއި ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމުގެ ތަޖުރިބާކާރުން ބައިވެރިވެ އެ މީހުންގެ ތަޖުރިބާ ހިއްސާކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

މި ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ފަހުގެ ބަދަލުތައް ތަފާސްހިސާބުގެ އަލީގައި ދެނެގަނެ ކާމިޔާބު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދުނިޔޭގައި ދެމެހެއްޓުމަށް އެހީވެދޭނެ ހަރަކާތަކަށްވާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.